ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުކޮށްދެނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި، އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް. މި ޕެރޭޑު ބެލުމަށް ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް އެއްވި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

ސިފައިންގެ ޚިދުމަތުން ވަކިވާއިރު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ރިޓަޔަވާ ސިފައިންނަށް ކަށަވަރުކޮށްދިނުމަށް ޓަކައި ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފައިވާކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 70ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގައި ވާހަކަފުޅުދައްކަވަމުން ޣައްސާން ވިދާޅުވީ، ސިފައިންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ވިސްނަވާ ކަމެއް ކަމަށެވެ.

އެގޮތުން ޣައްސާން ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ އެއްގަމާއި ކަނޑާއި ވައިގެ ހަތިޔާރު ހޯދައިދިނުމުގެ އިތުރުން، ސިފައިންނަށް ފަރުދީ ގޮތުން ބޭނުންވާ ކަންކަން ވެސް ޙާސިލްކޮށްދިނުމަށް ކަމަށެވެ.

ޣައްސާން ވިދާޅުވީ، މި ޚިދުމަތް ވަރުގަދަކޮށް، ޚިދުމަތާ އަލަށް ގުޅޭ މީހުން އިތުރުކުރުމުގެ ގޮތުން ސްކޫލު ނިމިގެން ސިފައިންގެ ޚިދުމަތަށް ވަންނަ ޒުވާނުން، އެހެން ދާއިރާތަކުން ކިޔައިގެން ގައުމަށް ޚިދުމަތް ކޮށްދިނުމަކީ ވެސް ރައީސްގެ ވިސްނުންފުޅުކަމަށެވެ.

"ސްކޫލު ދައުރު ނިންމަވާ އެހެން ޒުވާނުން ވެސް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް، މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީއަށް، ޑޮކްޓަރަކަށް ވާން ބޭނުން ކުދިން މެޑިސިން ހަދަން، ސްކޮލަޝިޕްގެ ފުރުސަތުތައް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވަން ރައީީސުލްޖުމްހޫރިއްޔާ ވަނީ މަސައްކަތްޕުޅު ފައްޓަވައިފައި،" ޣައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ނަތީޖާއަކަށް ވާނީ ސިފައިންގެ ޚިދުމަތުގައި އުޅޭ ޒުވާނާ ރިޓަޔާކުރާ ހިސާބަށް ދިޔުމުން އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ރިޓަޔާވުން ކަމަށެވެ.

އެ ކަން ކަށަވަރުކުރުމަށް ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ނިޒާމެއް ގާއިމްކޮށްދިނުމަށް ރައީސް ނިންމަވައިފައިވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައިި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަށް ޚިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވާނެ ގޮތެއް ހަމަޖައްސަވައިދެއްވަން،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާންވަނީ މިއަދު ފާސްވި ހުރިހާ ސިފައިންނަށް މަރުހަބާ ވިދާޅުވެފައެވެ.

"މިއަދު ތިޔަ ލޮބުވެތި ދަރިވަރުން ތިޔަ ނިކުމެވަޑައިގަންނަވަނީ ސިފައިންގެ ފަޚުރުވެރި ޚިދުމަތާ،" ޣައްސާން ވިދާޅުވިއެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މުޅި ކޯހުން އެއްވަނަ ހޯދީ ޕްރައިވެޓް ހަމްނާ ރަޝީދެވެ.

comment ކޮމެންޓް