ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަން ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން އިއްވައިފި

ހެންވޭރު ހުޅަނގު މެމްބަރު ހަސަން ލަތީފް: އޭނާ ވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަން ގާނޫނުއަސާސީގައި ހިމަނަން އިސްލާހެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެކަން ގާނޫނުއަސާސީއަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.

ޕާޓީ ބަދަލުކުރުމުން މަޖިލީސް މެންބަރުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބަޔާންކުރާ 'އެންޓި ޑިފެކްޝަން ގާނޫނު' ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީޤުކުރެއްވީ މި މަހުގެ 16 ގައެވެ. އެކަމަކު، އެ ގާނޫނުގައި ބަޔާންކޮށްފައި އޮތީ ޕާޓީ ބަދަލުކޮށްފި ނަމަ އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ. ނުދީފިނަމަ ދެން ވާނެގޮތެއް ވެސް ގާނޫނަކުން ނޭނގެއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ މިދިޔަ މާޗު 26، ގައި ގާނޫނުއަސާސީއަށް އެ މާއްދާތައް އިތުރުކުރަން ހުށަހަޅައިފައެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފައެވެ.

https://sun.mv/190956

ހަސަން ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުން ބިލުގައިވަނީ:

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރަކަށް އަންނަނިވި ހާލަތްތަކުން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

  1. ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރެއްގެ އަމިއްލަ އިސްނެގުމަށް އޭނާ އިންތިޚާބުވީ ޕާޓީއަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން
  2. އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން
  3. އެ މީހަކު މަޖިލީހަށް އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާ އެއްގޮތަށް، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އެ މީހަކު އެ ޕާޓީއެއްގެ މެންބަރުކަމުން ވަކިކުރުން
  4. އެ މީހަކު މަޖިލީހަށް އިންތިޚާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ކަމަށްވެފައި، ޕާޓީގެ ނިންމުމާ ހިލާފަށް ވޯޓުދިނުން ފިޔަވާ އެ ނޫން ސަބަބަކަށްޓަކައި ޕާޓީގެ މެންބަރުކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިޚާބުވި ދާއިރާގެ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތުން އޭނާ ވަކިކުރަން ނިންމުން
  5. މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިޚާބުވީ ދާއިރާއަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމުލަ އާބާދީގެ ވަކި އިންސައްތައެއްގެ ސޮއިކޮށް މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމުން.

މިހާރު މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީޤުކުރެއްވުމާ އެކު އަމަލުކުރަމުން އަންނަ އެންޓި ޑިފެކްޝަން ގާނޫނުގައި އޮތީ ދެ ހާލަތެއްގައި މެންބަރުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ. އަދި، ދެ ހާލަތެއްގައި ރިކޯލް ވޯޓެއް ނަގަންޖެހޭނެ ކަމަށެވެ. އެއީ:

  • އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުމުން އިސްތިއުފާ ދޭންވާނެ
  • އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުމުން އިސްތިއުފާ ދޭންވާނެ
  • އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކުރުމުން ރިކޯލް ވޯޓެއް ނަގަންވާނެ
  • އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ރިކޯލް ވޯޓެއް ނަގަންވާނެ

އެކަމަކު، އެންޓި ޑިފެކްޝަން ގާނޫނުގައި 'އިސްތިއުފާ ދޭންވާނެ' ކަމަށް ބަޔާންކޮށްފައިވާތީ ގާނޫނީ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ، ގާނޫނުއަސާސީގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު ވެސް އެފަދަ ހާލަތެއް ނެތުމުންނާއި އިސްތިއުފާ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައިނުވާތީއެވެ.

މަޖިލީހަށް އެ ގާނޫނު ހުށަހެޅުއްވި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މީގެ ކުރިން ވިދާޅުވީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ. އަދި، ގާނޫނުގައި އިސްތިއުފާ ދޭންވާނެ ކަމަށް ބަޔާންކުރީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.

comment ކޮމެންޓް