އިންތިޚާބުވުމަށް ފަހުގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނު، އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
އިންތިޚާބީ މަގާމުތަކުގައި ތިއްބަވައި ބޭފުޅުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އަލުން ހަދަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިއަދު އެ ބިލު ތަސްދީޤުކުރައްވާފައިވާ ކަމަށެވެ. އެހެންވެ، މިހާރު އެ ގާނޫނު ގެޒެޓުކޮށް، އަމަލުކުރަން ވަނީ ފަށައިފައެވެ.
އެ ބިލުގައިވަނީ މަޖިލީސް މެންބަރުންނާއި އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން ވެސް ހިމަނައިފައެވެ. އެހެންވެ، މިހާރު އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ބަދަލުކުރާނަމަ މަގާމުން ވަކިވާނެއެވެ.
މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުންނަކީ އެ އިންތިޚާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ. އެ ގާނޫނުގައިވާގޮތުން މައިގަނޑު ތިން ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެއެވެ. އެއީ،
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
- އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
ގާނޫނުގައިވާގޮތުން ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް:
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުން
- އަމިއްލަގޮތުން އިންތިޚާބުވެފައި ޕާޓީއަކަށް ސޮއިކުރުން
ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.
ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ.
އެކަމަކު، އޭރު އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 2018 ވަނަ އަހަރު ހަމަ އެ މަޖިލީހުން ވަނީ އެ ގާނޫނު އުވައިލަން ފާސްކޮށްފައެވެ. އޭރު ގާނޫނެއް ހަދާފައި އޮތީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.
ފަހުން ނިމުނު ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ 14 މެންބަރަކު އާ ސަރުކާރާ ގުޅުމުން އެމްޑީޕީން ވެސް ވަނީ އެންޓި ޑިފެކްޝަން ގާނޫނެއްގެ މުހިއްމުކަން ފާހަގަކުރަން ފަށައިފައެވެ.
comment ސލހ
1 year 4 day ago
ކޮން ގޮނޑި އެއް ތޯ؟ ނަމަ،ނަމަ، ޕާއްޓީ ބަދަލު ކުރިޔަސް، ލަގޮނޑި، އަދި ގޭގަ ހުރި ގޮނޑިތައް ގެއްލޭ ގޮ ނަހަދާތި! އޭރުން ވަރަށް ސަކަރާތް ވާނެ.
comment ޒަމީރު
1 year 4 day ago
ރީމާޒު މިސާލަކަށް ޕާޓީ އުވާލީމަ މެމްބރުންނަށް ވާނެ ގޮތެއް އެބަ އިންތޯ މިގާނޫނުގަ؟
comment އަކޫ1
1 year 5 day ago
ވިސްނުން ބަދަލުކުރިޔަސް އޯކޭވާނެދޯ، ވާނުވާ ބޭކާރު ބިލެއްތީ
comment ސސ
1 year 5 day ago
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލި އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !