ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުނީމާ ނަގަނީ ނާޖާއިޒު ފައިދާ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސަރުކާރުތައް ޚުދުމުޚުތާރުވާ ކަމަށް --- ފޮޓޯ/ މަޖިލިސް

ސަރުކާރަށް ސުޕަމެޖޯރިޓީ ދިނުމުން އޭގެ ފައިދާ ރައްޔިތުންނަށް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ނަގަނީ އޭގެ ނާޖާއިޒު ފައިދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި 66 އަށްވުރެ ގިނަ ގޮނޑިއާ އެކު ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ ސުޕަމެޖޯރިޓީ ކާމިޔާބުކޮށްފައެވެ. މިދިޔަ 19 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް ސަރުކާރަށް ލިބުނުއިރު، 18 ވަނަ މަޖިލީހުގެ މެޖޯރިޓީ ވެސް ލިބުނީ ސަރުކާރަށެވެ.

އެ ކަމާ ކަމްބޮޑުވުން ފާޅުކުރައްވައި ރޮޒައިނާ މިއަދު ވިދާޅުވީ، ގާނޫނުތައް ހެދުމަށް ފަހުގައި އެ މަގުން ސަރުކާރުތަކުން ކަންކުރޭތޯ ފާރަވެރިވުމުގެ ޒިންމާ ވެސް އޮންނަނީ މަޖިލީހަށް ކަމަށެވެ. އެކަމަކު، 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބުމުން ޖަވާބުދާރީކުރުވުމުގެ ބައި ވަރަށް ކުޑަވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އަޅުގަނޑަށް ހީވަނީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހިއްޖެ ކަމެއްހެން މިއީ،" އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި އެންމެ ޕްރޮޑަކްޓިވް މަޖިލީހެއް ގޮތުގައި އަޅުގަނޑަށް ފެނުނީ 17 ވަނަ ރައްޔިތުންގެ މަޖިލީސް. ވަރަށް ހަމަހަމައަށް ޕާޓީތަކަށް ގާތްގަނޑަކަށް ގޮނޑިތައް ލިބުނީ. އެހެންވެ، ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން މިތާގައި ކުރަމުންދިޔައީ. މަޝްވަރާ ކުރެވިގެން ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ލާބައާއި މަންފާ ލިބޭނެގޮތަށް،"

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: އޭނާ ވިދާޅުވީ މެޖޯރިޓީގެ ނާޖާއިޒު ފައިދާ ސަރުކާރުތަކުން ނަގާ ކަމަށް -- ފޮޓޯ/ މަޖިލިސް

އެކަމަކު، އޭގެ ބަދަލުގައި ސަރުކާރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމުގެ ނަތީޖާ ވަރަށް ގިނަ ފަހަރަށް ހިތި ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދައިން ވިދާޅުވި ނަމަވެސް މި ހިނގާ 19 ވަނަ މަޖިލީހުން އެކަން ނުފެންނަ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"އެއް ސަބަބަކަށް ވެދާނެ 65 ގޮނޑި އެމްޑީޕީއަށް ލިބުނު ނަމަވެސް މި މަޖިލީހުގެ މާ ގިނަ ދުވަސްތަކެއްނުވެ، ހަގީގަތުގައި އެމްޑީޕީގެ ތެރޭގައި ވެސް އޮތީ ސަރުކާރާ ދެކޮޅު ބޮޑު ފެކްޝަނެއް އުފެދިފައި. އެހެންވީމާ ހަގީގަތުގައި މި ތަނުގައި ބޮޑު އޮޕޮޒިޝަންއެއް އޮތްކަން އަޅުގަނޑަށް ފާހަގަކުރެވުނީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އޮތް 18 ވަނަ މަޖިލީހުން ދިޔައީ ސަރުކާރުން ބޭނުންހާ ގޮތަކަށް ރަބާސްޓޭމްޕު ޖަހަމުން ކަމަށް ވިދާޅުވެ، ރޮޒައިނާ ނުރުހުން ފާޅުކުރެއްވިއެވެ. އެ ފަހަރުގެ މަޖިލީހުގައި އޭރު ވެސް އިދިކޮޅުގައި އޮތް އެމްޑީޕީއަށް މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރަން ފުރުސަތު ނުލިބޭ ކަމަށް ތުހުމަތުކުރައްވައި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

https://sun.mv/191160

"މި ގާނޫނުތައް މި މަޖިލީހުން ހެދިގެންދާއިރު މި ތަންފީޒުކުރެވޭނެ މިންވަރު ބަލާނެ ބަޔަކު މި މަޖިލީހުގެ ތެރޭގައި ނެތްކަމަށްވަންޏާ މީގެން ލިބެންޖެހޭ ފައިދާ އެންމެ ފުރިހަމަ ގޮތެއްގައި ނުލިބޭނެ،" ރޮޒައިނާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ:

  • ސަރުކާރު ހިންގާ ޕީއެންސީ: 66 ގޮނޑި
  • އިދިކޮޅު އެމްޑީޕީ: 12 ގޮނޑި
  • އަމިއްލަ: 11 ގޮނޑި
  • އެމްޑީއޭއަށް: ދެ ގޮނޑި
  • ޖުމްހޫރީ ޕާޓީ: އެއް ގޮނޑި
  • އެމްއެންޕީ: އެއް ގޮނޑި

އެ އިންތިޚާބުގައި ވަނީ 93 ދާއިރާއަށް މެންބަރުން ހޮވާފައެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު ދެ ލައްކައަށް ވުރެ ގިނައެވެ.

comment ކޮމެންޓް