އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ޕާޓީ ޕީއެންސީން 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނު (އީސީ)ން ހާމަކުރި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން:
- ޕީއެންސީއަށް ލިބިފައި ވަނީ: 66 ގޮނޑި
- އެމްޑީޕީއަށް ލިބިފައި ވަނީ: 12 ގޮނޑި
- އަމިއްލަ ގޮތުން ވަދަކުރި ކެންޑިޑޭޓުންނަށް ލިބިފައި ވަނީ: 11 ގޮނޑި
- އެމްޑީއޭއަށް ލިބިފައި ވަނީ: ދެ ގޮނޑި
- ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ: އެއް ގޮނޑި
- އެމްއެންޕީއަށް ލިބިފައި ވަނީ: އެއް ގޮނޑި
އެ އިންތިޚާބުގައި ވަނީ 93 ދާއިރާއަށް މެންބަރުން ހޮވާފައެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު ދެ ލައްކައަށް ވުރެ ގިނައެވެ.
ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.
ޕީއެންސީގެ މި ކާމިޔާބި ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި އުފާފާޅުކުރުމުގެ ހަރަކާތެއް ވަނީ ބާއްވައިފައެވެ. މި ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު އިސް ވެރިން އަދި ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
މި ހަފުލާފައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީން ބޭނުމީ އަމިއްލައަށް ގޮތް ނިންމަންކަން މުޅި ދުނިޔެއަށް ދައްކައިދީފި ކަމަށެވެ. އަދި ދިވެހިންނަށް މުހިންމީ ދިވެހިންގެ ކަންކަމަށް ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ވެސް ކާމިޔާބުކުރީ އޭރު ވެރިކަންކުރި ޕާޓީއެވެ. އެ ފަހަރުގެ އިންތިޚާބުގައި 75 އިންސައްތައާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ހޯދީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީންނެވެ. އެ ޕާޓީން ޖުމުލަ 65 ގޮނޑި އެ އިންތިޚާބުގައި ކާމިޔާބުކުރިއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް އެ އިންތިޚާބުގައި ކާމިޔާބުކުރެވުނީ އަށް ގޮނޑިއެވެ.