ގާސިމް ގޮނޑި ދިފާއުކުރެއްވީއިރު، ނަހުލާއަށް ނާކާމިޔާބީ

ގާސިމް އިބްރާހިމާއި އަނބިކަނބަލުން އައިޝަތު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު އަދި މަޝްރޫއު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ދިފާއުކުރައްވައިފިއެވެ.

މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވި މެންބަރުންގެ ތެރެއިން ގޮނޑި ކާމިޔާބުކުރެއްވުނީ ގާސިމަށް އެކަންޏެވެ. އެ ޕާޓީގެ ނައިބު ލީޑަރު ޑރ. އަމީން އިބްރާހިމަށް ލިބިވަޑައިގެންފައިވަނީ ވަރަށް ދަށް ނަތީޖާއެކެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް ވަނީ މާމިގިލީ ދާއިރާގެ ގޮނޑި ދިފާއުކުރައްވައިފައެވެ.

އެކަމަކު، ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރެއްވި ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ނާކާމިޔާބުވެފައެވެ.

ހުޅުމާލޭ ދެކުނު ދާއިރާގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަހުލާއަށް ލިބިފައިވަނީ 208 ވޯޓެވެ. އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. އަހުމަދު ޝަމްހީދަށް 1020 ވޯޓު ވަނީ ލިބިފައެވެ. އެހެންވެ، މިހާތަނަށް ލިބިފައިވާ ނަތީޖާއިން ފެންނަ ގޮތުގައި ޝަމްހީދު އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާނެއެވެ.

އެ ދާއިރާއަށް ދެން ވާދަކުރައްވާ ޕީއެންސީގެ ޝަނީޒް ހާޝިމަށް ލިބިފައިވަނީ 721 ވޯޓެވެ.

އެހެންވެ، މިހާތަނަށް ގުނުނު ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ހުޅުމާލޭ ދެކުނު ގޮނޑި އެމްޑީޕީގެ ޝަމްހީދު ކާމިޔާބުކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް