އެނބުރި ރާއްޖެ ވަޑައިގެން ވެސް ނަޝީދު ދެއްކެވީ އެމްޑީޕީގެ ގޯސް ވާހަަކަ

ނަޝީދު މިއަދު ވިލިމާލޭގައި: އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން އެ މަނިކުފާނާ ޒާތީވި ކަމަށް -- ފޮޓޯ/ ޑިމޮކްރެޓްސް

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމާ ދުރުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެން ވެސް، އެ މަނިކުފާނުގެ ކުރީގެ ޕާޓީ އެމްޑީޕީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ނަޝީދު ރާއްޖެ ވަޑައިގަތީ މިއަދު ހަވީރެވެ. އެނބުރި ވަޑައިގެން ގޮތަށް އެ މަނިކުފާނު ވަނީ ހަވީރު ވިލިމާލެއަށް ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އިންތިޚާބަށް ނުކުންނަވައިގެން ތިއްބެވި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ގޯތިގެދޮރުގެ ވާހަކަދައްކަވާއިރު 2021 ވަނަ އަހަރާ ހަމައަށް ވެސް މާލޭ މީހުންނަށް ގޯތި ދޫނުކުރީ އެ ޕާޓީގެ ވެރިކަމުގައި ކަމަށެވެ.

"ކުރިމަތިލައްވައިގެން ތިއްބެވި ބައެއް ބޭފުޅުން އެބަދައްކަވާ ގޯތި ގެދޮރުގެ ވާހަކަ. ދެހާސް އެކާވީސްވަނަ އަހަރާ ހިސާބަށް އައި އިރުގައި ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޭނެ ގޮތެއް ނެތް. ޕްލޭނެއް ވެސް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވިލިމާލޭގައި: އެނބުރި ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރު -- ފޮޓޯ/ ޑިމޮކްރެޓްސް

އަދިވެސް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަމުގައި ހުންނެވި ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީން ބައެއް ސިޔާސަތުތައް ތަންފީޒުނުކޮށް ދޫކޮށްލީ އެ މަނިކުފާނާ ޒާތީވެގެންނެވެ.

"ވެށިފަހި މާލެއަކީ ހިންގާނެ ޕްރޮޖެކްޓެއް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައި އޮތް. އެކަމަކު، އެއީ އަންނި ކުރި ކަމެއްވީމާ ނުކުރާން ނިންމެވި ކަމަށް ވަނީ. މީގައި ރައްޔިތުންނަށް ވާނެ ގޮތެއް ބަލައިލުމެއް ނެތޭ އިނގޭތޯ. ޒާތީ ހަސަދަވެރިކަމާއި ތައައްސަބު،" އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުވަހަކު ވެސް ރާއްޖޭގައި އެއް ބަޔަކަށް ނުލިބޭވަރުގެ މެޖޯރިޓީއެއް މިދިޔަ މަޖިލީސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ ވަރަށް ގިނަ ބަޔަކު އެކީގައި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ.

"އެހެންނަމަވެސް އެ މަޖިލީހަކުން ދިވެހި ސަރުކާރެއް ޖަވާބުދާރީއެއް ނުކުރި. ޖަވާބުދާރީކުރި ނަމަ، އަޅުގަނޑުމެން މިއަދު ތިބޭނީ މި ތަނެއްގައެއް ނޫން،" މިދިޔަ ސަރުކާރުގައި ވައުދުތައް ނުފުއްދުނުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ޑިމޮކްރެޓްސް

އެކަމަކު، ނަޝީދު ވަނީ "އެމްޑީޕީ އެއްކުރަން ތި ބޭފުޅުން އެދޭކަން،" އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްއަށް މަދުވެގެން މަޖިލީހުގެ 30 ގޮނޑި ލިބިއްޖެ ނަމަ އެކަން ވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ އަބަދު ވެސް އެ ހިސާބު ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވަނިކޮށް މިދިޔަ އެމްޑީޕީގެ ސަރުކާރާ ދޭތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ، ނަޝީދަށް އެ ޕާޓީގެ ޕްރައިމަރީ ނާކާމިޔާބުވީ ހިސާބުން އެ މަނިކުފާނު ވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. ޑިމޮކްރެޓްސް އުފެއްދީ އެ ހިސާބުންނެވެ.

އެކަމަކު، މަޖިލީހުގެ ރައީސްކަމުގައި ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް ވެއްދުމާ އެކު އަމިއްލަފުޅަށް އިސްތިއުފާދެއްވާ އެ މަނިކުފާނު ވަނީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންފައެވެ. އޭގެ ފަހުން، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވަން ދިރިއުޅުއްވަމުން ގެންދެވީ ގާނާގައެވެ.

comment ކޮމެންޓް