އިންޑިއާގެ ތާރީޚީ ބޮޑު އިންތިޚާބުގެ ވޯޓުލުން ފަށައިފި

ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އާންމު އިންތިޚާބުގެ ވޯޓުލުން އިންޑިއާގައި މިއަދު ފަށައިފިއެވެ.

އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން 969 މިލިއަން މީހުންނަށް ވޯޓުލެވޭއިރު އެއީ ދުނިޔޭގެ އާބާދީގެ 12 ޕަސެންޓެވެ. އޭގެ ތެރޭގައި 497 މިލިއަން ފިރިހެނުންނާއި 471 މިލިއަން އަންހެނުން ހިމެނޭއިރު, އަލަށް ވޯޓުލާ 18 މިލިއަނަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

އެ އިންތިޚާބުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 545 ގޮނޑީގެ ތެރެއިން 543 ގޮނޑިއަށް މެންބަރުން ހޮވާނެއެވެ. ބާކީ ދެ ދާއިރާއަށް މެންބަރުން ޚިޔާރު ކުރައްވާނީ ގައުމުގެ ރައީސެވެ.

އިންޑިއާގައި ވޯޓުލުން ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެން ކަމަށްވާއިރު މިއަދު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ތަފާތު ސްޓޭޓުތަކުން 102 ގޮނޑިއަކަށް މެންބަރުން ހޮވަން ވޯޓުލާނެއެވެ. މިއަދުގެ 18:00ގައި ފަހު ވޯޓުލުން އޮންނާނީ މި މަހުގެ 26, އަންނަ މަހުގެ ހަތަކާއި 13އާއި 20ގައި އާއި 25ގައި އަދި ޖޫން މަހުގެ އެކެއްގައެވެ.

މިއަދު ވޯޓުލުން ބާއްވާ ސްޓޭޓުތަކުގެ ތެރޭގައި ޓަމިލް ނާޑޫ, ރާޖަސްތާން, އުއްތަރަ ޕްރަދޭޝް, މަދުޔަ ޕްރަދޭޘް, އުއްތަރަޚަންދު, އަރުނަޗަލް ޕްރަދޭޝްގެ އިތުރުން ވެސް އެހެން ސްޓޭޓުތައް ހިމެނެއެވެ. ބައެއް ސްޓޭޓުތަކުން އެއް ދުވަހުން ވޯޓުލުން ނިމޭއިރު ބޮޑު ސްޓޭޓުތަކުގައި އެކި ދުވަސްތަކުގައި ވޯޓުލުން ކުރިއަށްގެންދާނެއެވެ.

އެ އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ޖޫން ހަތަރެއްގައިއެވެ. އަދި, 272 ގޮނޑިއަށް ވުރެ އިތުރަށް ކާމިޔާބުކުރެވޭ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް އާ ސަރުކާރު އެކުލަވާލެވޭނެއެވެ.

އިންތިޚާބުގައި ވާދަކުރާ ޕާޓީތައް

މި އިންތިޚާބުގައި ހަ ގައުމީ ޕާޓީއަކާއި 57 ސްޓޭޓް ޕާޓީއަކާއި 2,597 ކުދި ޕާޓީތައް ބައިވެރިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމާޒަކީ މިފަހަރު ވެސް އިންތިޚާބު ކާމިޔާބުކުރައްވައި ތިންވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީއިން އެކަނި 370 ގޮނޑި ހޯދައި, އެ ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް ޖުމްލަ 400 ގޮނޑި ހޯދަން ސަރުކާރުން ވަނީ ހިފައިފައެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި ބީޖޭޕީން 303 ގޮނޑި ނެގިއިރު އެންޑީއޭއަށް 353 ގޮނޑި ލިބުނެވެ.

ބީޖޭޕީގެ މެނިފެސްޓޯގައި އެންމެ އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ވަޒީފާ އުފެއްދުމާއި ފަގީރުކަން ނައްތާލުމާއި ގައުމީ ތަރައްގީ ހިމެނެއެވެ.

މޯދީ ވަނީ ބައިނަލްއަގުވާމީ ގޮތުން ވެސް އިންޑިއާ ވަރުގަދަކުރުމުގެ ގޮތުން, އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރަކަށް އެ ގައުމު ހެދުމަށާއި ހަނދަށް އިންސާނުން ފޮނުވުމަށް ވައުދުވެވަޑައިގެންފައެވެ.

އިންޑިއާގެ އާބާދީގެ 80 ޕަސެންޓް ހިއްސާކުރާ ހިންދޫންގެ މެދުގައި, މޯދީގެ ހިންދޫ ވަތަނީ އެޖެންޑާ ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައެވެ.

އެންޑީއޭއާ އެންމެ ގާތުން ވާދަކުރަނީ އިދިކޮޅު މައި ޕާޓީ ނެޝަނަލް ކޮންގްރެސް އިސްކޮށް އޮންނަ އިންޑިއަން ނެޝަނަލް ޑިވެލޮޕްމެންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ)އިންނެވެ. ބޮޑުވަޒީރު މޯދީ ވެރިކަމުން ދުރުކުރުމުގެ މަގުސަދުގައި ގުޅިގެން މަސައްކަތް ކުރަމުންދާ އެ 41 ޕާޓީގެ މެދުގައި އިންތިޚާބު ފެށުމުގެ ކުރިން ވެސް ބައިބައިވުން އުފެދި, އެލަޔަންސްއިން ހަދާފައިވާ އެއްބަސްވުމާ ޚިލާފަށް ބައެއް ޕާޓީތަކުން ވާދަކުރެއެވެ.

ކޮންގްރެސްއިން ތުހުމަތު ކުރާ ގޮތުގައި ބީޖޭޕީގެ ފާއިތުވި 10 އަހަރުގެ ވެރިކަމުގައި ދައުލަތުގެ އިދާރާތަކުން ވަނީ އިދިކޮޅު ޕާޓީތަކަށް ފިއްތުންތައް ކުރިމަތިކޮށް, ބަލިކަށިކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ އިދިކޮޅު ލީޑަރުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް, ދައުވާ ވެސް ކޮށްފައިވާއިރު އޭގެ ތެރޭގައި ސިޔާސީ ބޭނުމެއްގައި ބަލާ މައްސަލަތައް ގިނަ ކަމަށް އިދިކޮޅުން ބުނެއެވެ.

ނަމަވެސް އެންޑީއޭއަށް 400 ގޮނޑީގެ އަޣުލަބިއްޔަތެއް ދިނުމުގެ އެންމެ ބޮޑު ނުރައްކަލެއް ކަމަށް ފާހަގަކޮށްފައި ވަނީ އެ އެލަޔަންސަށް ފެންނަ ގޮތަކަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާރުލިބި, އެހެން ދީންތަކަށް އަމަލު ކުރުމަށް ހުރަސް އެޅޭ ފަދަ ގާނޫނުތައް ފާސްކޮށްފާނެކަމުގެ ބިރު އޮތުމެވެ.

comment ކޮމެންޓް