ފަނޑިޔާރުންގެ ރައްކަލަށްޓަކައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށް އިހުސާނާއި ގާޒީން މަޝްވަރާއަށް

ހޯމް މިނިސްޓަރު އަލީ އިހުސާން: ކްރިމިނަލް ކޯޓުން ވަނީ އިހުސާނާއި ފުލުހުންގެ އިސް ވެރިންތަކެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށް ތުހުމަތުކޮށްފައި -- ފޮޓޯ/ ފުލުހުން

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިހުސާން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އިހުސާންއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކޯޓުންގެ ގާޒީންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނެފައި ވަނީ، އެ މަޖިލިސް ބާއްވަނީ، އިހުސާނާއި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކަނޑާފައިވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ގާޒީންގެ މަޖިލީހުން ނިންމާފައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އާންމުންނާއި ނޫސްތަކަށް މަޢުލޫމާތު ދޭއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަކުރުމަށްޓަކައި، ހޯމް މިނިސްޓަރާއި ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ކަމަށެވެ.

ކޯޓުތަކުގެ އިދާރީ ކަންކަމާއި ފަނޑިޔާރުންގެ ރައްކާތެރިކަމާ ގުޅޭ ކަންކަން އިންތިޒާމުކޮށްދޭ އިސް ފަރާތެއްގެ ހައިސިއްޔަތުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް އެ ބައްދަލުވުމުގައި ބައިވެރި ކުރުވަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ފުލުހުންގެ އިސްވެރިން -- ސަން ފޮޓޯ

މީގެ އިތުރުން އެ ބައްދަލުވުމަށް ޖޭއެސްސީއަށް ވެސް ދައުވަތު ދޭން ގާޒީންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންތަކެއް ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ފުލުހުން މި މަހު ހަތަރުވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ވަރަށް ގިނަ ތަފުސީލުތައް ހާމަކޮށްފައެވެ.

އެ ބައްދަލުވުން ބޭއްވީ މީގެ ތިން އަހަރު ކުރިން، ޑިސެމްބަރު 12، 2021ގައި ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި މައްސަލައާ ގުޅޭ ގޮތުންނެވެ. އެ މައްސަލައިގައި ޝާމިލުވާ ހަތަރު މީހުން އެ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް ކުރި މަސައްކަތް ފުލުހުން ހާމަކޮށް، އެ މައްސަލައިގައި ހިމެނޭ ގިނަ މީހުން ދޫކޮށްލުމާ ގުޅިގެން ނުރުހުން ފާޅުކުރިއެވެ.

އެ މައްސަލައިގައި ފުލުހުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވެފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުއްޓެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެ ރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާ އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް