މައިކްރޮސޮފްޓުން ޔޫއޭއީގައި 1.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި

ޖީ42ގެ ޗެއާމަން ޝެއިޚް ތަހްނޫން ބިން ޒައިދު، ޖީ42ގެ ގްރޫޕް ޗީފް އެގްޒެކެޓިވް ޕެންގް ޒިއާއޯ އާއި މައިކްރޮސޮފްޓްގެ ވައިސް ޗެއާމަން އަދި ރައީސް ބްރެޑް ސްމިތު ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި --- ފޮޓޯ: ޖީ42

ޔުނައިޓެޑް އަރަބި އިމެރޭޓްސް (ޔޫއޭއީ)ގެ ވެރިކަންކުރާ ސިޓީ އަބޫދާބީގެ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ކްލައުޑް ކޮމްޕިއުޓިން ކުންފުނި ޖީ42 އިން ދުނިޔޭގެ އެންމެބޮޑު އެއް ޓެކް ކުންފުނި، މައިކްރޮސޮފްޓުން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހޯދައިފިއެވެ.

މި އިންވެސްޓްމަންޓް ދެ ކުންފުނިން އަންގާރަ ދުވަހު އިއުލާނުކޮށްފައިވާއިރު، މެދުއިރުމަތީގެ ޓެކްނޮލޮޖީގެ ހުނަރުވެރިކަން އިތުރުކޮށް، މި ސަރަހައްދުގެ ޑިވެލޮޕަރުންނަށް އެހީތެރިވުމުގެ ގޮތުން އެއް ބިލިއަން ޑޮލަރުގެ ފަންޑެއް އުފެއްދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަބޫދާބީގެ ޑެޕިއުޓީ ރޫލަރ އަދި ޖީ42ގެ ޗެއަރމަން ޝެއިޚް ތަހުނޫން ބިން ޒައިދު ވިދާޅުވީ ޖީ42 އަށް މައިކްރޮސޮފްޓުން ކުރާ އިންވެސްޓްމަންޓަކީ ކުންފުނީގެ ކުރިއެރުމާއި އިނޮވޭޝަން ދަތުރުގައި ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށާއި، މިއީ ދެ ކުންފުނީގެ މެދުގައި ވިސްނުމުގެ ސްޓްރެޓެޖިކް އެލައިންމަންޓެއް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މައިކްރޮސޮފްޓްގެ ވައިސް ޗެއާ އަދި ރައީސް ބްރެޑް ސްމިތު ޖީ42ގެ ޑިރެކްޓަރުންގެ ބޯޑާ ގުޅިވަޑައިގަންނަވާނެއެވެ. މި ޕާޓްނަރޝިޕްގެ ދަށުން ދުނިޔޭގެ ފެންވަރުގައި ޚިދުމަތް ނުލިބޭ ޤައުމުތަކަށް އެޑްވާންސް އޭއައި އިންފްރާސްޓްރަކްޗަރ އާއި ޤާބިލުކަން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޖީ42 ގެ މަންދޫބަކު "ދަ ނޭޝަނަލް" އަށް ވިދާޅުވި ގޮތުގައި މި ޕާޓްނާޝިޕްގެ ސަބަބުން ޔޫއޭއީ އާއި ސަރަހައްދަށް ފައިދާ ކުރާނެ ކަމަށް ލަފާކުރެވެނީ ޒަމާނީ ފެންވަރުގެ ޖެނެރޭޓިވް އޭއައި އަށް އެކްސެސް ލިބި، ޑޭޓާ ސެންޓަރުގެ ގާބިލްކަން ފުޅާކޮށް، އޭއައި ސްކިލްޑް ވޯކްފޯސްއެއް ތަރުބިއްޔަތުކޮށް، ވިޔަފާރިތަކަށް އިނޮވޭޝަން ގެނައުމާއި، ޔޫއޭއީ އަކީ އޭއައި ޓެކްނޮލޮޖީ ލީޑަރެއްގެ ގޮތުގައި ހަމަޖެއްސުމެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ހަބެއްގެ ގޮތުގައި ގާއިމުކުރުމަށް ޔޫއޭއީއިން ބާރު އަޅަމުން ދަނީ ޓްރާންސްފޯމޭޓިވް ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް އޮތް މުސްތަގުބަލަކަށް ޔޫއޭއީގެ އިގްތިސާދު ތައްޔާރުކުރަމުންނެވެ. ހުޅަނގުގެ މަޝްހޫރު ޓެކް ފާމްތަކާ އެކު ހަދަމުންދާ ބޮޑެތި ޕާޓްނާޝިޕްތަކަކީ މި ސްޓްރެޓެޖީގެ މައިގަނޑު އަސާސެވެ.

"ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އާއި ރައްކާތެރި، އިތުބާރު ކުރެވޭ އަދި ޒިންމާދާރު އޭއައިގެ ދުނިޔޭގެ ލީޑިން ސްޓޭންޑާޑްތަކާ އެއްކޮށްލާނީ ޔޫއޭއީ އާއި އެމެރިކާގެ ސަރުކާރާ ގުޅިގެން،" ސްމިތު ވިދާޅުވިއެވެ.

މައިކްރޮސޮފްޓް ގެ އެއްބަސްވުން ބިނާވެފައި ވަނީ އޯޕަންއޭއައި ފަދަ އޭއައި ގެ އިސްފަރާތްތަކާ އެކު ޖީ42 އިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ.

"މި އިންވެސްޓްމަންޓާއެކު، އަޅުގަނޑުމެންގެ ހޮރައިޒަންތައް ފުޅާކޮށް، އިނޮވޭޝަންގެ އާ މިންގަނޑުތަކެއް ކަނޑައަޅަމުން މިދަނީ،" ކްލައުޑް ސާވިސަސް އާއި އަރަބި ބަހުގެ އޭއައި މޮޑެލްތަކުގައި ޓެކްނޮލޮޖީގެ ދެ ކުންފުނި ގުޅިގެން ޒަމާނުއްސުރެ ހިނގަމުން އަންނަ ޕާޓްނަޝިޕަށް އަލިއަޅުއްވާލައްވަމުން ޖީ42 ގެ ގްރޫޕް ސީއީއޯ ޕެންގް ޒިއާއޯ ވިދާޅުވިއެވެ.

ޖެނެރޭޓިވް އޭއައި ގެ ސަބަބުން ޓެކްގެ އާ އުފެއްދުންތަކެއް އިތުރުވެގެން ދާއިރު، ޔޫއޭއީއަކީ ސްޓްރެޓެޖިކް އިންވެސްޓްމަންޓުތަކާއި، ބޯޑަރުތަކުގެ ތެރޭގައި ޒަމާނީ ޤާބިލުކަން އިތުރުކޮށް، ސަރަހައްދީ ބޮޑުބާރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމެކެވެ.

comment ކޮމެންޓް