އޭއައިއާ އެކު ބިންގަށް އާ ފީޗާއެއް

މައިކްރޯސޮފްޓްގެ ސާޗް އިންޖީން: ބިންގް

މައިކްރޯސޮފްޓުން އެ ކުންފުނީގެ ސާޗް އިންޖިން ބިންގަށް އޭއައި ބޭނުންކޮށްގެން އާ ފީޗަރެއް ތަޢާރަފުކޮށްފިއެވެ.

މި އާ ފީޗާއަކީ "ބިން ޖެނެރޭޓިވް ސާޗް"އެވެ.

މި ފީޗާއިން ސާޗް ކުރާ މަޢުލޫމާތުގެ ޚުލާސާއެއް ސާޗް ނަތީޖާގެ އެންމެ މަތީގައި ދައްކައިދޭނެއެވެ. މިއީ ގޫގުލްއިން މޭ މަހު އެމެރިކާގައި ތަޢާރަފުކުރި "އޭއައި އޯވަވިއުސް"އާ ވަރަށް އެއްގޮތް ފީޗާއެކެވެ.

ނަމަވެސް، ބިންގްގެ މި ފީޗާއިން މަޢުލޫމާތު ނަގާފައިވާ މަސްދަރުތައް ވެސް ދައްކައިދޭނެއެވެ.

މިހާރު މި ފީޗާ ވަނީ ޓެސްޓް ކުރުމަށްޓަކައި ޚާއްޞަ ޔޫޒަރުންގެ ސާޗްތަކަށް ތަޢާރަފުކޮށްފައެވެ. މި ފީޗާއަކީ މިދިޔަ ފެބްރުއަރީ މަހު ތަޢާރަފުކުރި އޭއައި ޗެޓް އާންސާގެ އިތުރު ކުރިއެރުމެކެވެ.

މި ފީޗާއަށް ބޭނުންކުރަނީ މައިކްރޯސޮފްޓުގެ ބޮޑެތި އަދި ކުދި ލޭންގުއޭޖް މޮޑެލްތަކެވެ. މި ފީޗާއިން ސާޗް ކުރާ މަޢުލޫމާތު ދޭހަކޮށް، މިލިއަނުން ގުނާ މަސްދަރުތަކުން މަޢުލޫމާތު ނަގައި، ގުޅުންހުރި ނަތީޖާތައް އުފައްދައެވެ.

މި ފީޗާ ފެންނާނީ ސާޗް ނަތީޖާގެ މަތީގައި ގްރޭ ކުލައިގެ ގޮޅިއެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ސުރުޚީއަކާއި، ލިޔުމުގެ އިންޑެކްސްއަކާއި، މަސްދަރުތައް ހިމެނޭނެއެވެ.

ބައެއް ފަހަރު މީގެ ތެރޭގައި ފޮޓޯ، ވީޑިއޯ އަދި ތާވަލުތައް ވެސް ހިމެނިދާނެއެވެ. މި ފީޗާ ދައްކާއިރު އާންމު ސާޗް ނަތީޖާތައް ފެންނާނީ ސަފުހާގެ ކަނާތްފަރާތުގައެވެ.

comment ކޮމެންޓް