އައިޓީ ސިސްޓަމްތައް ހުއްޓި، ދުނިޔޭގެ އެއާލައިންތަކާއި ބޭންކްތަކަށް ބުރޫއަރައިފި

އައިޓީ ސިސްޓަމްތައް ހުއްޓިގެން ދުނިޔޭގެ އެއާލައިންތަކާއި ބޭންކްތަކަށް ބުރޫއަރާފައި --

އައިޓީ ސިސްޓަމްތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޭންކްތަކާއި އެއާލައިންތައް އަދި އާންމު ޚިދުމަތްދޭ ގިނަ ތަންތަން ހުއްޓިއްޖެއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުން އައިޓީ ސިސްޓަމްތަކަށް މައްސަލަ ދިމާވި ސަބަބު މިހާތަނަށް ސާފުނުވި ނަމަވެސް، މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅިފައިވާ މައްސަލައެއްކަން ވަނީ ދެނެގަނެވިފައެވެ.

މައިކްރޯސޮފްޓްގެ ތަރުޖަމާނާ ހަވާލާދީ ބީބީސީގައި ވާގޮތުން، ބައެއް ޚިދުމަތްތައް މިހާރު ވަނީ ދޭން ފެށިފައެވެ.

މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމަކީ އޮސްޓްރޭލިއާއެވެ. އެ ގައުމުގެ އެއާޕޯޓު ހުއްޓުމަކަށް އައިސްފައިވާއިރު، ބޭންކްތައް ހުއްޓި ވިޔަފާރިތަކަށް ވެސް އަސަރުކުރާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ޚިދުމަތް ނުލިބި ލަސްވެ، ކިޔޫތައް ވެސް ދިގުވެ، ތޮއްޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ސްޕެއިން، އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކަށް ވެސް ވަނީ މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.

ދުނިޔޭގެ ބޮޑެތި އެއާޕޯޓުތައްކަމަށްވާ، ހޮންގްކޮންގް އެއާޕޯޓާއި ލޮސްއެންޖެލަސް އެއާޕޯޓުގެ އިތުރުން ގިނަ އެއާޕޯޓުތަކެއް ވެސް މި ވަގުތު ވަނީ މިކަމުގެ ސަބަބުން ހުއްޓިފައެވެ.

comment ކޮމެންޓް