މަޖިލީހުގެ މެޖޯރިޓީ ދޭންޖެހެނީ ސަރުކާރަށްތަ؟ އިދިކޮޅަށްތަ؟

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް: އާދިއްތަ ދުވަހު އޮތީ ދެ ބޭފުޅުންނަށް ވެސް މުހިންމު އިންތިޚާބެއް--

ސަރުކާރުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ނެތި ގައުމު ނުހިންގޭނެ ކަމަށެވެ. އިދިކޮޅުން ބުނަނީ ސަރުކާރަށް މެޖޯރިޓީ ދީފިނަމަ އަނިޔާވެރިވެ، ހީލަތްވާނެ ކަމަށެވެ. އަމިއްލަ ކެންޑިޑޭޓުން ބުނަނީ ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ މަސްލަހަތު އޮޅައިލާނެ ކަމަށެވެ. ކުރުކޮށް ބުނާނަމަ، ކޮންމެ ކެންޑިޑޭޓަކު ވެސް ވިދާޅުވަނީ އެ ކެންޑިޑޭޓަކު ހޮވުން ނޫން ގޮތެއް ނެތް ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގެ ކެމްޕޭނުން ވެސް އިވެނީ އެ އަޑެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ސަރުކާރަށް ގޮނޑިތައް ނުދީފިނަމަ، ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށެވެ.

"މި ކަމަށް [މަޝްރޫއުތަކަށް] ހުރަސްއެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި. މިއީ ސިޔާސީ ވާހަކައެއް ނޫން، މި އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް ގޮނޑިތަކަށް ހޮވައިދޭ ބޭފުޅުންނަކީ، މި ކަމަށް އަޅުގަނޑަށް ސަތޭކަ ޕަސެންޓް އެއްބާރުލުން ދޭނެ ބޭފުޅުންނަށް ރައްޔިތުން ނުހައްދަވައިފިއްޔާ ހަމަ ހުރަސް އެޅުވޭނެ،" ކެމްޕޭނަށް ފ. ނިލަންދުއަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ވެސް ބޭނުންވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ދެން އޮތީ އޭގެ އިދިކޮޅެވެ. މިހާރު އިދިކޮޅު ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވަނީ އޭގެ އިދިކޮޅެވެ.

އެ މަނިކުފާނު ވިދާޅުވަނީ، ސަރުކާރުން ގަބޫލުކުރަނީ ވަޒީފާތަކުގައި ތިބެންޖެހޭނީ ހަމައެކަނި ސަރުކާރަށް ތާއީދުކުރާ އެ ޕާޓީއަށް ސަނާކިޔާ މީހުން އެކަނި ކަމުގައި ކަމަށެވެ. ސަރުކާރުން އުޅެނީ މީހުން އަޅުވެތިކުރަން ކަމަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެއްވިއެވެ. އެ ވަކިތަކުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އެމްޑީޕީ ކަމުގައި ދައްކަވަން ވެސް މަސައްކަތް ކުރެއްވިއެވެ.

އެކަމަކު، ވެރިކަމުގައި ހުންނެވީއިރު ޞާލިޙް ވެސް ވިދާޅުވީ، ވެރިކަން ހިންގަން މެޖޯރިޓީއެއް ބޭނުންވާ ކަމަށެވެ. އަދި، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވީއިރުގައި ވިދާޅުވީ ސަރުކާރަށް މެޖޯރިޓީ ސަރުކާރަށް ދޭން ހެޔޮނުވާނެ ކަމަށެވެ.

މާޒީގެ ތަޖުރިބާ ހިތި

މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ގެނެސްގެން ބޭއްވި ފުރަތަމަ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ލިބުނީ އޭރުގެ އިދިކޮޅަށެވެ. އެ ތަޖުރިބާ އެހާ ފޮންޏެއް ނޫނެވެ.

އޭރުގެ ރައީސް އަދި މިހާރު ވަގުތީ ގޮތުން ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރެއްވި ބައެއް ވަޒީރު ބޭފުޅުންނަށް ރުހުން ވެސް ލިބިވަޑައެއް ނުގަތެވެ. މަޖިލީހުގެ ތެރެއިންނާއި ބޭރުން ސަރުކާރަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންދިޔައެވެ. ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން ދަތިކުރިއެވެ.

މީގެ ކުރީގެ މަޖިލީހެއް: މަޖިލީހާ މެދު އާންމުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި -- ފޮޓޯ/ މަޖިލިސް

އޭގެ ފަހުން އުފެދުނު ދެ ވެރިކަމުގައި ވެސް ރައްޔިތުން މެޖޯރިޓީ ދިނީ ސަރުކާރަށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ނަމަވެސް އިދިކޮޅު މެންބަރުންގެ އަޑުތައް ގަދައެވެ. އެ ވެރިކަމުގެ ފަހުކޮޅު އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސަރުކާރަށް ތާއީދުކުރެއްވި ބައެއް މެންބަރުން ކޮޅު ބަދަލުކުރެއްވި ހިސާބުން އަނެއްކާ ވެސް މަޖިލީހުގައި ހިނގަމުންދިޔައީ ހައިޖާނެވެ.

އެ ތަޖުރިބާ ވެސް ހިތިވީމާ، ޖެހިގެން ދެން އުފެދުނު އެމްޑީޕީގެ ސަރުކާރަށް ރައްޔިތުން ދިނީ ސުޕަ މެޖޯރިޓީއެކެވެ. އެކަމަކު، އަމިއްލައަށް އެކެއް އަނެކަކާ ޖެހި، ފިތި ބާރުވެގެން ހަނިވަމުން ކުޑަވަމުން ހިނދެމުން ގޮސް އެ މެޖޯރިޓީގައި މިހާރު އެ އޮތީ ރެނދުލައިފައެވެ.

"ފެންނަނީ މެންބަރުން މަތިން ރައްޔިތުން ފޫހިވެފައި ތިބި މިންވަރު. މަޖިލީހުން ރައްޔިތުންނަށް ކަމެއް ކޮށްދީފާނެ ކަމަކަށް އާންމުން ގަބޫލެއް ނުކުރޭ. އެއީ، ސިޔާސީ މީހުން އެ މީހުންގެ މުހުތާދުތައް ފުއްދަން ވަންނަ ތަނެއް ކަމަށް އެންމެންހެން ދެކެނީ،" އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގެ ކެމްޕޭން ޖަގަހައެއްގެ ދޮރުމަތީ ހުރި ޒުވާނަކު ބުންޏެވެ.

ސިޔާސީ ޕާޓީއަކުން މީގެ ކުރިން ބޭއްވި އެއްވުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާޒީގައި ސަރުކާރަށް މެޖޯރިޓީ ދީގެންނާއި ސުޕަ މެޖޯރިޓީ ދީގެން އަދި އިދިކޮޅަށް މެޖޯރިޓީ ދީގެން ވެސް ރައްޔިތުންނަށް ކުރަންޖެހުނީ ހިތި ތަޖުރިބާއެކެވެ.

މާލޭގައި އުސްކޮށް އިމާރާތްކުރީ މެންބަރުންގެ ގެއެވެ. އާ އުސްމިންތަކަކަށް ގެންދިޔައީ މެންބަރުންގެ އަމިއްލަ ވިޔަފާރިއެވެ. އެހެންވެ، އާންމު މީހާ ފޫހިވެއްޖެއެވެ. އެ މީހުން ވެސް ދެން ބޭނުންވަނީ އެ މީހުންގެ ވިޔަފާރިއަށް ކުރިއެރުން ހޯދައިދޭނެ މެންބަރެކެވެ. އެ މީހުންނަށް ވަޒީފާއެއް ހޯދައިދޭނެ ކެންޑިޑޭޓެވެ. މުޅި ކެމްޕޭންގައި ވަށަވަށައިގެން ކޮރަޕްޝަން އޮތީ އެ ސަބަބާހުރެއެވެ.

މެޖޯރިޓީ ދޭންވީ ރައްޔިތުންނަށް

ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެކެވެ. ވެރިކަމަކީ ވަކި ބާރެކެވެ. ގާނޫނު ހަދާ މަޖިލީހަކީ ވަކި ބާރެކެވެ. ޖުޑީޝަރީއަކީ ވަކި ބާރެކެވެ. އެކަމަކު، އެ ބާރުތަކުގެ މިނިވަން މުސްތަގިއްލުކަމާ މެދު އަބަދު ވެސް ސުވާލު އުފެދެއެވެ. އެ ތަންތަނުގެ ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމަކީ އެންމެންނަށް އެނގޭ ސިއްރެކެވެ.

ރާއްޖޭގެ ނިޒާމު އެކުލެވިގެންވާގޮތުން، ބޮޑެތި ބާރުތަކެއް މަޖިލީހަށް ލިބިގެންވެއެވެ. އެހެންވެ، މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލްކުރާ ބޭފުޅެއް ވެވަޑައިގަންނަވަނީ 'ސުޕްރީމް ލީޑަރަ'ށެވެ.

އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ބަޔަކު: އެ ޕާޓީން ބުނީ ސަރުކާރަށް މެޖޯރިޓީ ދޭން ހެޔޮނުވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

ގާނޫނުއަސާސީގެ އެންމެ އަސާސީ ވިސްނުމަކީ ހުރިހާ ބާރެއް ރައްޔިތުންގެ އަތުގައި އޮތުމެވެ. އާ ގާނޫނުއަސާސީ އެކުލަވައިލިއިރު އޭގެ ހަތަރުވަނަ މާއްދާ ލިޔުނީ އެ މުގައްދަސް ބޭނުމުގައެވެ. އެ މާއްދާގައި ބުނަނީ "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި، މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މުޅި ނިޒާމުގެ އެންމެ ބޮޑު އަސާސަކީ ބާރުތައް ރައްޔިތުންގެ އަތުގައި އޮތުމެވެ.

އެހެންވެ، އާދިއްތަ ދުވަހު ރައްޔިތުން އަދާކުރަންޖެހޭ އެންމެ ބޮޑު ޒިންމާއަކަށްވާނީ ރައްޔިތުންގެ އަތުގައި އޮތް ބާރު އެ މީހުންގެ އަތުގައި ދެމިއޮންނާނެކަން ޔަގީންކުރުމެވެ. ވޯޓު ވިއްކައިނުލުމެވެ.

މަޖިލީސް މެންބަރެއްގެ ކޮލިޓީއާއި ވިސްނުމާއި އަމަލުތައް ބައްޓަންކުރަންވީ ގާނޫނުއަސާސީގައި އޮތީ ލިޔެފައެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ލިޔެފައި އޮތީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި، އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ."

އޭޕްރީލް 10، 2021: ވޯޓު ގުނަނީ: ވޯޓަކީ ރައްޔިތުންގެ ހައްގެއް އަދި ބާރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޖިލީހުގެ މެޖޯރިޓީ ދޭންވީ އިދިކޮޅަކަށް ވެސް ނޫނެވެ. ސަރުކާރަކަށް ވެސް ނޫނެވެ. ގާނޫނުއަސާސީގައި އެ ބުނާ އުސޫލުން ކަންކުރާނެކަމުގެ ޔަގީންކަން އޮތް ކެންޑިޑޭޓުންނަށެވެ. ވޯޓުދޭންވީ ގާބިލު ކެންޑިޑޭޓަށެވެ. ގާނޫނުއަސާސީގެ ރޫހާއި ރައްޔިތުންގެ ބާރު ދަމަހައްޓާނެ ކެންޑިޑޭޓަށެވެ.

ސަރުކާރާ އިދިކޮޅުވެގެން ގޮސް ރައްޔިތުންގެ ހައްގަށް ނާރާނެ ކެންޑިޑޭޓަށެވެ. ސަރުކާރާ އެއްކޮޅުވެގެން ގޮސް ހުދުމުހުތާރުނުވާނެ ކެންޑިޑޭޓަށެވެ.

މިއަދު ރައްޔިތުން ވޯޓު ވިއްކާލައިފި ނަމަ، މާދަމާ ރައްޔިތުންގެ ބާރު ވެސް ގެއްލޭނެކަން ދައްނަންޖެހޭނެއެވެ.

comment ކޮމެންޓް