ގޭގައި އަރާމުކޮށްލަން ހުރެވުނީސް، އެކަމު މަޖިލިސް ގެއްލިއްޖެނަމަ އޮތީ ހީނުކުރާވަރުގެ އުނދަގޫ: ޞާލިހު

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މަޖިލިސް ކެމްޕޭން ހަރަކާތެއްގައި -- ފޮޓޯ/ އެމްޑީޕީ

ކުރިއަަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވެއްޖެނަމަ ކުރިމަތިލާން އޮތީ ހީނުކުރާވަރުގެ ދައްޗާއި އުނދަގުލާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ޅ. ހިންނަވަރުގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޞާލިހު ވިދާޅުވީ އަރާމުކުރައްވަން، ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވުމަކީ ވަރަށް ފަސޭހައިން ކުރެއްވޭނެ ކަމެއް ކަމަށެވެ.

ނަމަވެސް މިއަދު ވެސް މި މަސައްކަތުގައި ދެމި ހުންނަވާ ހަމައެކަނި ސަބަބަކީ ރާއްޖޭގެ ވެރިކަމުގެ މިސްރާބު މިއަދު ބައްޓަންވަމުން އަންނަ ނުރައްކާތެރި މަގުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދަންނަވަންތޯ. އަޅުގަނޑަށް ވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް. ވަރަށް ހަމަޖެހިލައިގެން އާއިލާއާއެކީގައި އަރާމުކޮށްލައިގެން ހުރެވުނީސް. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު ކަންތައްތައް ވަމުން މި ދާ ގޮތް އިހުސާސްކުރެވޭތީ މީ ގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން އަޅުގަނޑަށް އިހުސާސް ކުރެވުނު،" ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މަޖިލިސް ކެމްޕޭން ހަރަކާތެއްގައި -- ފޮޓޯ/ އެމްޑީޕީ

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ފުރޮޅިގެން އަންނަ ގޮތެއް މުހިންމު ކަމަށާއި އެއީ ހީނުކުރާވަރުގެ ދައްޗާއި އުނދަގުލާ ކުރިމަތިލާން ޖެހުމާއި ނުޖެހުން ބިނާވާނެ ނަތީޖާއެއްކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީގެ ސިޔާސަތަކީ ބިރުދެއްކުމާއި ގަދަބާރުން ކަންކަން ކުރުންކަމަށް ވިދާޅުވެ އެ މަނިކުފާނުވަނީ މިއަދު ވެރިކަމުގައި އޮތްއިރު ވެސް ފެންނަނީ ބިރުދެއްކުން އާންމުވެފައި އޮތް ތަން ކަމަށެވެ. މިއަދު ސިޔާސީ ވިސްނުން އިސްކޮށް ވަޒީފާގެ ބިރު ވެސް ދައްކަމުން އަންނަކަމަށް ޞާލިހު ތުހުމަތުކުރެއްވިއެވެ.

އެއާއެކު އެ މަނިކުފާނު ވިދާޅުވީ އެ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި މިފަހަރު ވެސް އެމްޑީޕީގެ އަމާޒަކީ މުޅި ރާއްޖެއިން މި އިންތިޚާބުގައި ބޮޑު މެޖޯރިޓީއެއް ނެގުން ކަމަށް ވިދާޅުވިއެވެ.

އެއާއެކު ޞާލިހުވަނީ އިންތިޚާބުގެ ފޯކަސް ގެއްލުވައިނުލާ ކާމިޔާބީއަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް