ޞާލިހު ވެެރިކަމުން ފައިބައިވަޑައިގަތީ 4،000 އަހަރުގެ ދަރަނި އުފައްދައިފައި: އަބްދުއްރަޙީމް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ފުވައްމުލަކުގައި -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެރިކަމުން ފައިބައިވަޑައިގަތީ 4000 އަހަރުގެ ދަރަނި ފަސް އަހަރުން އުފައްދަވާފައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އެޑްވައިޒަރު އަދި ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވެފައިވަނީ މި ސަރުކާރުގެ މަޝްރޫއުތައް ހިނގަމުން ދަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކަމަށް ޞާލިޙް ވިދާޅުވެފައިވަނިކޮށެވެ.

އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ވެސް، ރާއްޖޭގެ މާލީ ހާލަތު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށާއި އެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވީ ފައިސާ ނުލިބުނު ނަމަ، ދަތި ހާލަތަކަށް ދިޔައީސް ކަމަށް އެ ޞާލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ފެއްޓީ ޑޮލަރުގެ ދަތިކަން ހުރުމާއެކު، 400 މިލިއަން ޑޮލަރު ވެސް ހޯދުމަށް ފަހުގައެވެ.

އެ ވާހަކައަށް ރައްދުދެއްވައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޕީއެންސީ ކެންޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ސަރުކާރުން ދިޔައީ އެ ސަރުކާރުން ހޯދި ފައިސާ 'ހިފައިގެން' ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"ތިބޭފުޅުން ހޯދި ފައިސާގެ ބޭނުން ކުރީ ތިބޭފުޅުންކަން އެނގެނީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެފައި ބަލާލީމައޭ އެކަން އެނގުނީ" އަބްރުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން ފެނަކަ ކޯޕަރޭޝަން އެކަނި 4.2 ބިލިއަން ރުފިޔާއިން މިދިޔަ ސަރުކާރުން ދަރުވާފައި އޮތް ކަމަށާއި މި ސަރުކާރާ ހަވާލުވި އިރު ދިވެހި ދައުލަތް އޮތީ 9000 މިލިއަން ރުފިޔާއިން ދަރާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ވެރިކަން ނިންމަވާލެއްވުމަށްފަހު ޞާލިހް ފައިބަވަޑައިގަތީ 4000 އަހަރުގެ ދަރަނި އުފައްދަވާފައި ކަމަށް އަބްރުއްރަޙީމް ވަނީ ތުހުމަތުކުރައްވާފައެވެ.

"މި ދިވެހި ދައުލަތް އުފެދުނުތާ އަމިއްލަ ވެރިކަމެއް ކުރަމުންދާތާ 4000 އަހަރު ވީއިރު، 4000 އަހަރުގެ ދަރަނި ފަސް އަހަރުން އުފައްދާފަ އިބްރާހީމް މުހައްމަދު ޞާލިހް އެދިޔައީ" އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ސަރުކާރުން އުފައްދަން ބޭނުންވާ 'ދިވެހިންގެ ރާއްޖެ' އުފެދުނީމަ ފިތުނަ ފަސާދަ ނައްތާލާނެ ކަމަށާއި ރައީސް ވިދާޅުވާ 'ހަމަ ހަމަ ޚިދުމަތް' ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް