ކޮވިޑްތެރޭ އެސްޑީއެފްސީ އާއި އެޗްޑީއެފްސީން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ލ. ފޮނަދޫގައި: ކޮވިޑްތެރޭ އެސްޑީއެފްސީ އާއި އެޗްޑީއެފްސީން ދޫކުރި ލޯނުގެ އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމާފައިވާކަން އެ މަނިކުފާނު އިއުލާންކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ދޫކުރި ލޯނުތަކަށް އެރި އިންޓްރެސްޓް މާފުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ލ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮވިޑްގެ ތެރޭގައި ވަރަށް ގިނަ މީހުން ހާލުގައި ޖެހި، ލޯނުތައް ނެގި ކަމަށެވެ. އެ ލޯންތަކުގެ އިންޓްރެސްޓް އަރަމުން ގޮސް މިހާރު ރައްޔިތުންނަށް ނުކަތާ ހިސާބަށް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ އެ އިންޓްރެސްޓް މާފު ކުރާނަމޭ އެކަމު ނުކުރޭ ނުކޮށް ވެރިކަން ބަދަލުވެގެން ދިޔައީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެފައި އެ ލޯނުތައް ނެގި ފަރާތްތަކުގެ އިންޓްރެސްޓް މާފު ކުރުމަށް ޓަކައި މަސައްކަތް ފެށި ކަމަށާއި މިދިޔަ ހަތަރު މަސް ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއް ނިންމައިފައިވާ ކަމަށެވެ.

"ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފުކުރަން މިހާރު މި އޮތީ ނިންމާފައި. ދެން އެ ލޯނު ނެގި ފަރާތްތަކުން އީދު ބަންދަށް ފަހު ހުޅުވޭ ދުވަހުން ފެށިގެން އެސްޑީއެފްސީ ބޭންކަށް އެޕްލައި ކުރީމަ އެ އޮންނަ އެޕްލިކޭޝަނެއް ފުރިހަމަ ކޮށްފައި އެގްރިމެންޓް ހެދީމަ އިންޓްރެސްޓް މަފުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ކޮވީޑާ ގުޅިގެން އެޗްޑީއެފްސީން ހައުސިން ލޯނުތައް ނަގާފައިވާ ފަރާތްތަކަށް މޮރެޓޯރިއަމްއަކުން މަހުން މަހަށް ދައްކަން ޖެހޭ ވަރު ލަސްކޮށްދީފައި އޮތް ނަމަވެސް އިންޓްރެސްޓް އަރަމުން ގޮސް، އެ ވެސް ނުކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އެ އިންޓްރެސްޓް ވެސް މާފު ކޮށްދޭނެ ކަމަށް އެ ސަރުކާރުން ވާހަކަދެއްކި، ނަމަވެސް އަމަލީ ގޮތުން ނުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެއްވެސް ކަމެއް ނުބާއްވަމޭ އިންތިޚާބެއް އައިސް ބޯމަތިވީމަ ކުރާކަށެއް، ފުރަތަމަ ދުވަހުން ފަށައިގެން ހުރިހާ ކަމެއް މިއަދާ ހަމައަށް ކުރަމުން މިއަންނަނީ،" ރައީސް ވިދާޅުވިއެވެ.

އެ ލޯންތަކުގެ އިންޓްރެސްޓް މާފުކުރުމަށް އީދު ބަންދަށް ފަހު، އެޗްޑީއެފްސީއަށް ހުށަހެޅޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް