ޔާމީން މިނިވަން ކުރުމުގެ ވައުދާ ޚިލާފެއް ނުވަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ސަންއަށް އިންޓަވިއޫ ދެއްވަނީ: އެ މަނިކުފާން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވައުދާ ޚިލާފުވެ ވަޑައިނުގަންނަވާ ކަމަށް-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ވެވަޑައިގެންނެވި ވައުދާ އެމަނިކުފާން ޚިލާފުވެ ވަޑައިގެންފައި ނުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސްގެ ރިޔާސީ ވައުދަކަށްވާއިރު މިސަރުކާރު އައި ފަހުން ވެސް އެކަން ނުވާތީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕުން އެ މަނިކުފާން މިނިވަންވާން ބޭނުންފުޅު ނުވާ ކަމަށް ޔާމީން ވެސް މި ފަހުން ވަނީ ވިދާޅުވެފައެވެ.

https://sun.mv/190463

ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި މިއަދު ރައީސް "ސަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއޫގައި ވިދާޅުވީ އެ މަނިކުފާން މިހާރު ވެސް ހުންނެވީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމަށާއި ވައުދާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށެވެ.

އެމަނިކުފާން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ޔާމީން މިނިވަން ކުރެއްވުމުގެ ބާރު އޮތީ ޖުޑީޝިއަރީގެ އަތްމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ރައްޔިތުންގެ ގާތުގައި ގާނޫނީ އިމުގެ ތެރެއިން އެ މަނިކުފާނު މިނިވަން ކުރުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނަމޭ. އަޅުގަނޑަށް ކުރެވޭނެ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ވީމައި އަޅުގަނޑު ހުވާ ކުރި ދުވަހު އިއުލާން ކުރިން ޖުޑީޝިއަރީ ނިސްބަތްކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެންނެވިން މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީއޭ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރީ އެ ދުވަހު އެ ނިންމުން އިއުލާން ކުރުމާއެކީގައި ޖުޑިޝިއަރީ އެ ބޭފުޅުން ހަމަ އެ ގޮތުގައި ކުރިއަށް ވަޑައިގަންނަވާ އެ މަނިކުފާނަށް އިންސާފު ގާއިމު ކޮށްދެއްވާނެ ކަމަށް. އެކަން އޮތީ ޖުޑިޝިއަރީގެ އަތްމަތީގައި."

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ސަންއަށް އިންޓަވިއޫ ދެއްވަނީ: އެ މަނިކުފާން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ ވައުދާ ޚިލާފުވެ ވަޑައިނުގަންނަވާ ކަމަށް-- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ޔާމީނާއި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގެންދަވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެހެން ބޭފުޅުންނާއި ޔާމީން އެމަނިކުފާނާ ދޭތެރޭ ގޯސްކޮށް ދެކެވަޑައިގަންނަވާނަމަ އެއީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ޔާމީނަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަބަދުވެސް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން އެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

އޭގެ ފަހުން ޔާމީނާއި އެ މަނިކުފާނަށް ތާއިދު ކުރާ މީހުން ވެރިކަން ކުރާ ޕާޓީތަކަށް ފާޑުވިދާޅުވާއިރު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް އެ މަނިކުފާނަށް ފާޑު ކިޔުން އަމާޒުކުރެއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީން ނުކުންނެވި ނުކުންނެވުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށްވާއިރު އެއީ އެމަނިކުފާނަށް ލިބިގެންވާ ހައްގެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހިތުގައި އަބަދުވެސް ރައީސް ޔާމީނަށް އޮންނާނީ ލޯތްބާއި ގަދަރު. އަޅުގަނޑު އަބަދުވެސް އެ މަނިކުފާނަށް ދޭ އިހުތިރާމު ދެން،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް މަޖިލިސް އިންތިޚާބު އޮތްއިރު ރައީސް ވިދާޅުވީ ޕީއެންއެފް އުފެއްދުމާއި ޔާމީންގެ ފަރާތްޕުޅުން ކެންޑިޓޭޓުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަކީ ޗެލެންޖެއް ކަމަށެވެ. ސިޔާސީ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަންނަވަނީ އެކަންކަން އެ ގޮތަށް ހުރިކަން ގަބޫލު ކުރައްވައިގެން ހުންނަވައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޝިއާރަކީ އެންމެ ފުރަތަމަ ގައުމު. އަޅުގަނޑުމެން އެންމެން މިތިބީ އެކުގައި ގައުމަށް ހިދުމަތް ކުރުމަށް. ރައްޔިތުން ހަވާލުކުރި އަމާނާތް ފުރިހަމައަށް އަދާ ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް