ޔާމީން، ކޯލިޝަން ލީޑަރުންނަށް: މިނިވަންކުރަން އެއް އިރަކުވެސް ނޫޅޭކަން މުޒާހަރާތަކުން ސާފުވި

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ޑރ. މުއިއްޒާއި އަބްދުއްރަހީމް: އެ މަނިކުފާނު މިނިވަން ކުރަން ޕީޕީއެމް ޕީއެންސީ ލީޑާޝިޕުން އެއްވެސް އިރަކު މަސައްކަތް ނުކުރާ ކަމަށް ޔާމީން ވިދާޅުވި -- ސަން ފޮޓޯ/ މާހިލް އާތިފް

ވެރިކަން ކުރާ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވާން އެ ދެ ޕާޓީގައި އިސްކޮށް ތިއްބާވާ އެއްވެސް ބޭފުޅަކު ބޭނުންނުވާ ކަމަށާއި އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މީގެ ކުރިން ކުރިއަށްގެންދިޔަ މުޒާހަރާތަކުން އެކަން އެނގޭ ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

ޔާމީންގެ ތާއިދާއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ މަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތައް ކުރިއަށްގެންދިޔަ ގޮތް ބެއްލެވި ކަމަށެވެ.

އެ މުޒާހަރާތައް ކުރިއަށްގެންދިޔައިީ "ވަރަށް ފަނޑުކޮށް، ވަރަށް އާދައިގެ" ގޮތުގައި ކަމަށް ސިފަކުރައްވައި ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަން ކުރަން ބޭނުންވި ނަމަ ލީޑާޝިޕުން އަމަލު ކުރާނީ އެފަދަ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ބައެއް ލީޑަރުން މުޒާހަރާތަކަށް ވަޑައިނުގަންނަވާއިރު ބައެއް ބޭފުޅުން އެއް ރޭ ވަޑައިގަތުމަށް ފަހު އަނެއް ރޭ މުޒާހަރާއަށް ވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ --- ސަންފޮޓޯ/ ނާއިލް ހުސައިން

"މުޒާހަރާއަށް ނުކުންނަ ބޭފުޅުން ގެނެސް ޕީޕީއެމް ޕީއެންސީ ކޮންމެ ވެސް ލީޑަރަކު އެމީހަކަށް ބޭނުންވާ ކަމެއް ކޮށްދީފައި އޭނާ މުޒާހަރާއަށް ނުނިކުންނަށް ވެސް އެބަހުރި ވިދާޅުވެފައި،" އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން ސިޔާސީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުން އަބަދުވެސް ތިބޭނެ ކަމަށާއި އެއީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މައްސަލައަކަށް ވަނީ އެ މަނިކުފާނު ޖަލުގައި ބަހައްޓައިގެން ކުރިއަށްދާން ބައެއް ލީޑަރުން ބޭނުންވުން ކަމަށެވެ.

"އޭގެ ބަދަލުގައި އަޅުގަނޑު މިނިވަންކޮށް ބަހައްޓާފައި އަޅުގަނޑާ ވާހަކަ ދައްކާފައި ވާދަވެރި އިންތިޚާބަކުން އެމީހުން ވެސް ހޮވެންވީ ނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ތަންފީޒުކުރައްވަމުންގެންދަވަނީ، ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެކެވެ.

ޑިސެމްބަރު 25، 2022ގައި އެ މަނިކުފާނަށް ކުރި ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލުނެވެ. އެހެންވެ، ޔާމީންގެ ތާއިދާއެކު ޕީޕީއެމް، ޕީއެންސީގެ ފަރާތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެ މަނިކުފާނު އިންތިޚާބުވުމާއެކު ޔާމީން ޖަލުން ގެކޮޅަށް ބަދަލުކޮށްދެއްވިއެވެ.

ނަމަވެސް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން އެ ކޯލިޝަނުން ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

އޭގެ ފަހުން ޔާމީނާއި އެ މަނިކުފާނަށް ތާއިދު ކުރާ މީހުން ވެރިކަން ކުރާ ޕާޓީތަކަށް ފާޑުވިދާޅުވާއިރު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް އެ މަނިކުފާނަށް ފާޑު ކިޔުން އަމާޒުކުރެއެވެ.

comment ކޮމެންޓް