ޖިންސީ ގޯނާފަދަ ކަންކަމަކީ އިދިކޮޅި ޕާޓީ އެމްޑީޕީގެ އުސޫލާ އެއްގޮތް ކަންތައްތައްތޯ ސަރުކާރު ހިއްސާވާ މައި ޕާޓީ ޕީއެންސީން ސުވާލު އުފައްދައިފިއެވެ.
ޕީއެންސީގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފަދައިން ސުވާލު އުފައްދާފައި ވަނީ، އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރަތަކާ އެކު ވެސް އޭނާ މަޖިލީހުގައި ކުރިމަތިލުމަށް އެމްޑީޕީން ޓިކެޓު ދީފައި ވާތީއެވެ.
އޭނާ ވާދަ ކުރަނީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށެވެ.
މި ބައްދަލުވުމުގައި ހީނާ ވަނީ އަލީ ވަހީދުގެ މައްސަލައިގައި ކަންތައް ހިނގާދިޔަ ގޮތް ހިއްސާ ކޮށްފައެވެ. އެގޮތުން މި މައްސަލަ ފެންމަތިވެގެން ދިޔައީ ކޮވިޑްގެ ދުވަސްވަރު ކަމަށާއި ޖިންސީ ގޯނާގެ ޝިކާރައަކަށްވީ މީހުން ގޮވައިގެން ރައީސްގެ އަރިހަށް ދިޔައީ އޭރުގެ ޖެންޑާ މިނިސްޓަރު ކަމަށް ހީނާ ވިދާޅުވިއެވެ.
މި ހާދިސާގެ ވާހަކަ އަޑު އައްސަވާ ރައީސަށް ކީރިތި ކުރެއްވުނު ވާހަކަ ނޫސްތަކުގެ "ފަލަ ސުރުޚީ"އަށް އެރިކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި މައްސަލަ ކުރިއަށް ދަނިކޮށް އަލީ ވަހީދު ފުރައިގެން ދިޔައީކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ސަރުކާރުން މި މައްސަލަ އޮއްބައިލުމަށް ޓަކައި އަލީ ވަހީދު ފުރުވާލީ ކަމަށް އޭރުގެ ސަރުކާރުން،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެން އެކި ގޮތްގޮތުން އަލީ ވަހީދު ހާޒިރު ކުރަން ކުރި މަސައްކަތް ނާކާމިޔާބު ވީތަން ކަމަށެވެ. އަދި ޔޫކޭގައި ހުންނަވާ، ސަރުކާރުގެ ވެރިންގެ މަސްލަހަތަށް ބުރޫއަރާފަދަ ކަންތައްތަކެއް އޭނާ އަތުގައި ހުރިކަމަށް ބުނިކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ނަމަވެސް، އެ ވާހަކަތައް ހާމަ ކުރައްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން އަނެއްކާ ވެސް ފެނުނީ އޭރުގެ ރައީސް ޞާލިހް އަލީ ވަހީދަށް ތާއީދު ކުރެއްވި މަންޒަރި ކަމަށާއި، މި މައްސަލައިގައި ބަޔާންދިން އެންމެން ބަޔާން އަނބުރާ ގެންދަން ބޭނުންވި މަންޒަރު ކަމަށް ހީނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސުވާލު އުފައްދަން ބޭނުންވަނީ ހަމަ އެމްޑީޕީގެ ލީޑާޝިޕް ކޮމްޕްރޮމައިޒް ވާފަދަ ކަންތައްތަކެއް ހަމަ އަލީ ވަހީދުގެ އަތްޕުޅުގައި ހުރީތޯއޭ ނުވަތަ މި ކަމުގައި އެ ބޭފުޅުން ބަހެއް ވިދާޅުނުވަނީ އަލީ ވަހީދުގެ މި ކަންކަމަކީ ޕާޓީގެ އުސޫލާ އެއްގޮތް ކަންތައްތަކެއް ތޯއޭ،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޖީން ވެސް މި މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ.
އަލީ ވަހީދުގެ ވަރަށް ގާތް މީހަކަށް ވެސް މިފަދަ ތުހުމަތުތައް ކުރެވުނު ކަމަށާއި އޭނާ މިހާރު އުޅުއްވަނީ ސަރުކާރުގެ މަތީ މަގާމެއްގައި ކަމަސް، ސުވާލުގެ ވަގުތުގައި ނޫސްވެރިއަކު ބުންޏެވެ.
އެހެންކަމުން އެކަމާ ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަލެއް އަޅާނެތޯ އޭނާ ސުވާލު އުފެއްދިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ މަައްސަލައެއް ކަމަށާއި ޕީޖީން އެ މައްސަލައިގައި ދައުވާ ކުރަން ޖެހޭ ކަމަށެވެ.
އަލީ ވަހީދު މަޖިލީހުގައި ވާދަ ކުރަން ނިންމާ ކެމްޕެއިން ކުރަމުން އަންނައިރު، ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ބަޔާންތައް ލީކުކޮށްލާފައެވެ.