ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ނަޝީދު

ނަޝީދު އެމްޑީޕީގައި ހުންނަވަނިކޮށް، އެ ޕާޓީން ބޭއްވި ކޮންގްރެސްއެއްގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް --

ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނުގެ ހިއްސާވެގެން އުފެއްދި ދެ ޕާޓީ ކަމަށްވާ، އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށާއި އެމްޑީޕީއަށާއި ޑިމޮކްރެޓްސްއަށް ވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ފަހުން ސިޔާސީ މަސައްކަތުން ދުރުގައި ހުންނެވި ނަޝީދު އެކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދައްކަވައެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ވާހަކަ ދައްކަވަމުން އެންމެ ފަހުން އެ މަނިކުފާނު ވިދާޅުވެފައިވަނީ، މި ވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރައްވަން ގަސްތުނުކުރައްވާ ކަމަށެވެ.

ޖަނަވަރީ މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ، އެ މަނިކުފާނު އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވެވަޑައިނުގަންނަވާނެ ކަމަށާއި އެމްޑީޕީ ވެސް ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ފަހުން ނަޝީދު ގުޅިވަޑައިގަތް ދަ ޑިމޮކްރެޓްސްއަކީ ޚާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ ފެކްޝަނަކާއި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ދެ ބޭފުޅުން ވާދަކުރައްވައި ނަޝީދު ނާކާމިޔާބުވުމުން އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއިދުކުރައްވާ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތައް ކުރިއެވެ.

އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވީއެވެ. އަދި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވިދާޅުވެ، ޖޫން 21، 2023ގައި އެ މަނިކުފާނު ވެސް ޕާޓީން ވަކިވެވަޑައިގަތެވެ.

އެއަށްފަހު ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުން ލިބުނީ ހަތް ޕަސެންޓް ވޯޓެވެ. އަދި ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއިދު ކުރަން އެ ޕާޓީން ދެކޮޅުހެދިއެވެ.

އޭގެ ފަހުން ޑިސެމްބަރު 2023ގައި ނަޝީދުވަނީ، ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން އެއްބަސްވެވައިޑެން، އަހަރުތަކަކަށް ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވާން ނިންމެވިކަން އިއުލާންކުރައްވައިފައެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު އެ މަނިކުފާނު ވަނީ، ސިޔާސީ ހަރަކާތުން މުޅިން ދުރަށް ނުދާ ކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް