ފަތުރުވެރިއެއްގެ ތަކެތި ވަގަށް ނެގި މައްސަލަގައި ދެ މީހަކު ބަންދަށް

ފުވައްމުލައް ސިޓީ / ފޮޓޯ: ޔުނެސްކޯ

ފުވައްމުލައް ސިޓީގައި ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް އޭނާގެ ފައިސާއާއި ފޯނު ހިމެނޭ ގޮތަށް އަގުބޮޑު ތަކެތި ވަގަށް ނެގި މައްސަލަގައި ދެ މީހަކު ބަންދުކޮށްފިއެވެ.

އެ ފަތުރުވެރިޔާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އޭނާ ބުނި ގޮތުގައި އޭނާ އަތިރިމަތީގައި ޑްރޯނެއް އުދުއްސަން ހުއްޓާ ދެ ފިރިހެން ކުއްޖަކު އޭނާ ކައިރިއަށް އައިސް ޑްރޯންގެ އަގު އަހައި، އެކި ވާހަކަތައް ދެއްކިއެވެ. ބެލެވޭ ގޮތުގައި އެ ދެ ކުދިންނަކީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުން ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

އޭނާ ބުނީ އޭގެ ފަހުން ޑްރޯން ތިރިކޮށް، ތުވާލިއެއްގައި އޮޅާފާއި ބޭއްވުމަށް ފަހު އޭނާ މޫދަށް އެރުނު ކަމަށެވެ. އޭނާގެ ސައިކަލު ކައިރީގައި އޭނާގެ ދަބަސްތައް ބޭއްވުމަށް ފަހު މޫދަށް އެރި އޮތް އިރު ވެސް އެ ދިމާލަށް މީހަކު ދޭތޯ ބަލަން އޮތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ވައްކަން ކުރި މީހުން ގަސްތަކުގެ ތެރޭގައި ފިލާ ތިބުމަށް ފަހު ފަތުރުވެރިޔާގެ ތަކެތި ގެންދިޔައީ ކަމަށް އޭނާ ބުންޏެވެ. ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ފައިސާއާއި ކްރެޑިޓް ކާޑުތައް ހިމެނޭ ވޮލެޓާއި ސައިކަލުގެ ތަޅުދަނޑިއާއި އޭނާގެ ލިޔެކިޔުން ހިމެނޭ ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

"އަހަރެންގެ ވޮލެޓުގައި 1500 ވަރަކަށް ރުފިޔާއާއި 200 ޑޮލަރު އޮންނާނެ. އަހަރެންގެ ފޯނު ވެސް އޮތީ އެ ދަބަހުގައި. އަހަރެންގެ ފޯނު ވަރަށް ބޮޑަށް އެބަ ބޭނުންވޭ،" ފަތުރުވެރިޔާ ބުންޏެވެ.

މިކަމާ ގުޅިގެން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ދެމީހަކު ބަންދަށް ގެނެސްފަައިވާ ކަމަށެވެ.

އަދި ފަތުރުވެރިޔާ އަތުން ގެއްލިގެން ހޯދަން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލައް ސިޓީގެ ފުލުހުން ހޯދާފައިވާ ކަމަށެވެ.

https://sun.mv/19018

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފަތުރުވެރިންގެ އަތުން ފޭރުމާއި ވައްކަން ކުރުމުގެ މައްސަލަތައް ވަރަށް މަދުން ނަމަވެސް ހިނގައެވެ. މިފަދަ ކަންކަމަކީ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަންކަމެވެ. މި ފަދަ ކަންކަމުން ދުރުވުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް