އެމްޑީޕީން ބުނީ ހަމަލާދިނީ ނަރީޝް ކަމަށް، އެ ޕާޓީން ވެސް ޕޮލިހަށް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް: އެމްޑީޕީން ބުނީ ހަމަލާ ދިނީ ނަރީޝް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގއ. މާމެންދޫގައި އޮތް ކެމްޕޭނު ހަރަކާތެއްގެ ތެރޭގައި އެ ޕާޓީގެ މެންބަރަކަށް ހަމަލާދިނީ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅައިފައިވާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހީމް ދީދީގެ ކެމްޕެއިނަށް ނަރީޝް އެ ރަށަށް ވަޑައިގެން ހުންނަވަނިކޮށް ހަމަލާ ދީފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ އިދާރާއިން އިއްޔެ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީއެންސީގެ ފަރާތުން ހިންގާފައިވާ ޑިމޮކްރަސީއާ ޚިލާފު އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދިނީ ނަރީޝް ކަމަށެވެ.

އަދި، ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ފަރާތުން ވެސް ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

https://sun.mv/190147

މީގެ އިތުރުން، އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓު މާމެންދުއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ބެނާތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅާފައިވާ ކަމަށެވެ.

"އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ މި އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ވެސް މި ފުރުސަތުގައި ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ ގާނޫނާ އެއްގޮތަށް ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އެނަކު އަނެކަކުގެ އިންތިޚާބީ ހައްގަށް އަރައިނުގަނެ ސުލްހަވެރި ކެމްޕޭނެއް ކުރިއަށްގެންދެވޭނެ މާހައުލެއް ފަހިކޮށްދޭން ސަރުކާރަށް ގޮވާލައިފައެވެ.

"ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.

މީގެ ކުރިން މާމެންދުއިން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ނަރީޝް އެ ރަށަށް ވަޑައިގަތް ފަހުން ހަމަނުޖެހުން ހިނގީ ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރާ މީހުންނާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބަޔެއްގެ މެދުގައެވެ.

އެމްޑީޕީ މީހުން ނުރުހުންވި އެއް ސަބަބަކީ، ބަނދަރު ކައިރީގައި ހުރި އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރެއްގެ ކުރިމަތީގައި ފޮތި ދަމައި ނިވާކޮށްފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހަމަނުޖެހުމުގައި ގިނަ ބަޔަކު ޝާމިލުވި ނަމަވެސް އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް