މި ސަރުކާރަށް މެދުއިރުމަތީގެ އެކުވެރި ގައުމުތަކުން ލިބުނު ހަމައެކަނި އެހީއަކީ ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނު ކަދުރު ކަމަށާއި އެއީ ބޯހަރުކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރޭ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިޚާބަށް ކެމްޕޭންކުރަން އެމްޑީޕީން ރޭ ވަނީ މާފަންނުގައި ހަރަކާތެއް ބާއްވައިފައެވެ.
އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ އެޑްވައިޒަރު ޞާލިޙް ވިދާޅުވީ، މި ސަރުކާރަށް މާ ބޮޑު ދައްޗެއް ކުރިމަތިވެގެން އުޅެނީ މިދިޔަ ފަސް އަހަރު އިންޑިއާއިން ނަގާފައިހުރި ދަރަނީގެ ސަބަބުން ނޫން ކަމަށެވެ. އެކަމަކު، ދަތިވެގެން އުޅެނީ އޭގެ ކުރީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ޗައިނާއިން ނެގި ދަރަނީގެ ސަބަބުން ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
- އިންޑިއާއިން ނަގާފައި އޮތް ދަރަނީގެ އަދަދަކީ 8 ބިލިއަން ރުފިޔާ: އެއީ ޖުމުލަ 25 އަހަރުން ދައްކަން
- ޗައިނާއިން ޕީޕީއެމް ސަރުކާރުގައި 18 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައި އޮތް
"އެ ބޭފުޅުން ކުރީގައި ތިއްބެވީއިރު ނަގާފައިހުރި ދަރަނިތަކުން ސަލާމަތްނުވެގެން މި އުޅެނީ،" ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ދަތި ހާލަތުން އަރައިނުގަނެވިގެން އުޅެނީ ސަރުކާރުން ބޯހަރުކަން ގެންގުޅޭތީ ކަމަށެވެ. އެ ގޮތް ދޫކޮށްލައި އަވައްޓެރިންނާއި ގާތް ގައުމުތަކާ އެކު ވާހަކަދައްކައިގެން ދަތިތަކުން އަރައިގަންނަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަވައްޓެރިން އެހީތެރިވެދޭނެ. އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާ ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބި. އެހެންނަމަވެސް ގޮތްދޫކުރާކަށް ނޫޅުއްވާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ، އަބަދު ވެސް ރާއްޖެއަށް އެހީވާން ތިވެނީ އަވައްޓެރިންނާއި އިސްލާމީ އުންމަތުގެ ގާތް ގައުމުތަކުން ކަމަށެވެ. އެކަމަކު، މި ސަރުކާރަށް އަވައްޓެރިންނާއި އިސްލާމީ ގައުމުތަކުން އެހީ ނުހޯދޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ ސަރުކާރަށް ނުރުހުން ފާޅުކުރައްވައިފައެވެ.
"މިއަދާ ހިސާބަށް އައިއިރުގައި މެދުއިރުމަތީގެ އެއްވެސް ގައުމަކުން ވެސް އަދި މިހާތަނަށް އެ ލިބުނު 50 ޓަނު ކަދުރު ފިޔަވާ އެއްޗެއް ނުލިބޭ. ހަތަރު މަސްވީ،" ޞާލިޙް ވިދާޅުވިއެވެ.
"އަދި ހަމަ މަގަކުން ނޫން މި ދަނީ،"
އިދިކޮޅު އެމްޑީޕީން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަނީ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ބުނެއެވެ.
އެކަމަކު، ސަރުކާރުން އަންނަނީ އެމްޑީޕީގެ ވާހަކަތައް ދޮގުކުރަމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި ދަތިތަކެއް ކުރިމަތިވަނީ އެމްޑީޕީ ސަރުކާރުގައި ހަދާފައި ހުރި ގޯސްތަކެއްގެ ސަބަބުންނެވެ. އެ ކަންކަން ރަނގަޅުކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.