ޖިންސީ ގޯނާ ކުރާ މީހުންނާމެދު މަތީ ކޯޓުތަކުން ހަރުދަނާ ނިންމުންތަކެއް އެބަ ނިންމާ: ޕީޖީ

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުމް ތަންފީޒު ކުރާ މީހުންނާއި ތަހުގީގު މަރުހަލާގައި ތިބި މީހުންނަށް ލުއިދީ، އަދި މާފުދީފައިވާ މައްސަލަތައް އިސްތިއުނާފް ކުރުމުން މަތީ ކޯޓުތަކުން އަވަސް، އަދި ހަރުދަނާ ނިންމުންތަކެއް ނިންމަމުން ގެންދަވާ ކަމަށް ،ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކޮށްފައި ހުރި މީހަކު ކޯޓުން ދޫކޮށްލި މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ.

އެކަން ބޮޑުވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ދަންނަވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ސަން" އަށް ދެއްވި އިންޓަވިއޫއެއްގައި ޕީޖީ ޝަމީމް ވިދާޅުވީ ރައީސް އަދި ބަންޑާރަ ނައިބުގެ އިރުޝާދާ އެއްގޮތަށް، އެ މައްސަލަތައް، ޚާއްޞަ އިސްކަމެއް ދީގެން އިސްތިއުނާފު ކުރަމުން އަންނަ ކަމަށެވެ.

"މިކަންކަމުގައި މަތީ މަރްޙަލާގެ ކޯޓުތަކުން އަވަސް އަދި ހަރުދަނާ ނިންމުންތަކެއް ނިންމަމުންވެސް އެބަ ގެންދަވާ." ޝަމީމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ދޫވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މި މައްސަލަތައް ބޮޑުވެފައި ވަނިކޮށް، ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑްކޮށްގެން ގެންގުޅުނު މައްސަލައެއްގައި ފުލުހުން ދައުވާކުރަން ފޮނުވި މީހަކަށް ދައުވާނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

އެ ގޮތަށް ކަންކުރި ސަބަބު އޮޅުންފިލުވައިދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ވަކި ކުށެއް ގާނޫނުގައި ނޯންނަ ކަމަށެވެ. އޮންނަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ކަމަށާއި، އެ ކުށުގެ އަދަބަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/190132

ފުލުހުން މި މަހު 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުޑަކުދިންގެ އޮރިޔާން ގެންގުޅޭ ބައެއްގެ މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފައެވެ.

comment ކޮމެންޓް