ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ބަންދުކުރި މީހަކު ދޫކޮށްލި އަމުރު ހައިކޯޓުން ބާތިލުކޮށްފި

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލަން ދަށު ކޯޓަކުން ކުރި އަމުރެއް ހައިކޯޓުން ވަނީ ބާތިލުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު، އެ މައްސަލައިގެ ޝަރީއަތް ނުނިމެނީސް ދޫކޮށްލުމަށް ދަށު ކޯޓަކުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޢަބްދުﷲ ލަޠީފް ނަމަކަށް ކިޔާ މީހަކު އޭނާގެ އަނބިމީހާގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ އުމުުރުން 12 އަހަރުގެ ދަރިފުޅަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 23ގައި އޭނާ ހައްޔަރު ކުރިއެވެ.

މި މައްސަލައިގައި، "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ޤާނޫނު"ގެ ދަށުން ޢަބްދުﷲ ލަޠީފް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިދޭން ދައުލަތުން ކޯޓުގައި އެދުނެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ކޯޓުން ވަގުތީ އަމުރު ނެރުނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ހަތަރު ފަހަރެއްގެ މަތީން އޭނާގެ ބަންދުގެ މުއްދަތު ޖުމްލަ 90 ދުވަހަށް އިތުރުކޮށްފައިވެއެވެ.

ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބަޔާންކޮށްފައި އޮތް މުއްދަތު ހަމަވާތީ، ދައުލަތުގެ ފަރާތުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދުނެވެ.

އެހެން ނަމަވެސް 25 އޭޕްރީލްގައި އޭނާ ދޫކޮށްލުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޢަބްދުﷲ ލަޠީފަކީ ނަފްސާނީ މައްސަލަތަކެއް ދިމާވެ، ޑޮކްޓަރުގެ ލަފާގެ މަތިން، އެ ފަދަ މައްސަލަތައް ދިމާވެފައިވާ މީހުން ބޭނުންކުރާ ބޭހެއް ބޭނުންކުރާ މީހަކަށްވުން ހިމެނެއެވެ.

މި ކަމާ ގުޅިގެން ތިނެއް އޭޕްރީލްގައި ދައުލަތުގެ ފަރާތުން ދަށު ކޯޓަށްވަނީ މައްސަލަ ހުށަހަޅާފައެވެ.

ދައުލަތުން އެދިފައިވަނީ ޢަބްދުﷲ ލަޠީފް ބަންދުން ދޫކޮށްލުމަށްކުރި ކޯޓު އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ކަމަށް އެދި ދައުލަތުން ކޯޓަށް އަލުން އެ މައްސަލަ ހުށަހެޅުމުން، ހަތް ދުވަސް ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޢަބްދުﷲ ލަޠީފް ރިމާންޑް ޖަލެއްގައި ބަންދުކުރުމުގެ އަމުރަކަށް ވެސް ދައުލަތުން އެދިފައިވެއެވެ.

ޢަބްދުﷲ ލަޠީފްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ޝަރުތުކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލަން ނިންމިނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިމަހުގެ 12ގައެވެ.

ހައިކޯޓު: މިއަދުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަލުން ދަށު ކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައި --- ސަން ފޮޓޯ

މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ ޢަބްދުﷲ ލަޠީފުގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުރި ކަމަށް ނިންމައި، އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ކުރިން ނިންމިއިރު، އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރުގައި އެ ހާލަތު ބަދަލުވި ގޮތް އެނގެން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރުގެ ދަށުން އޭނާ ބަންދުކުރިއިރު، ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމުގެ ހާލަތަށް ބަދަލު އަންނަންޖެހޭ، އަދި ހެކީގެ މިންގަނޑު ދަށްވާންޖެހޭ ސަބަބެއް ވެސް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ޢަބްދުﷲ ލަޠީފަކީ މީގެ ކުރިން ދުވަހަކު ވެސް ނަފުސާނީ ބައްޔަކަށް ބޭސްކޮށްފައިވާ މީހެއް ނޫން ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް އެ ކޯޓުން ބުނެފައިވެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ޑޮކްޓަރަކު އަންގާފައިވާކަން އެނގޭފަދަ ލިޔުމެއް ވެސް ހުށަހަޅާފައިނުވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

އެ ގޮތުން ހައިކޯޓުން ބުނެފައިވަނީ ޢަބްދުﷲ ލަޠީފު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ނަފްސާނީ ބައްޔަކަށް ބޭސްކުރާކަން ފާހަގަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ޝަރީއަތުން ރިޢާޔަތްކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން އަމުރުކޮށްފައިވަނީ ޢަބްދުﷲ ލަޠީފު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ބާތިލްކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހައިކޯޓުން ވަނީ ޢަބްދުﷲ ލަޠީފަކީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްތޯ، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓުން ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައެވެ.

comment ކޮމެންޓް