ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފުދިނުން ބަލައެއް ނުގަނެވޭ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު --

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް ލުއިދީ، ނުވަތަ މައާފުދިނުމަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ދަންނަވަމުން ގެންދާ ކަމަށެވެ.

އަދި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ބަޔަކު މަޖިލިސް އިންތިޚާބާ ގުޅިގެން މިނިވަން ކުރަމުން އަންނަ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ވާހަކަތަކެއް ދެކެވެމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ޑައުންލޯޑްކޮށްގެން ގެންގުޅުނު މައްސަލައެއްގައި ފުލުހުން ދައުވާކުރަން ފޮނުވި މީހާއަށް ދައުވާނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނީ އިއްޔެއެވެ.

އެ ގޮތަށް ކަންކުރި ސަބަބު އޮޅުންފިލުވައިދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ވަކި ކުށެއް ގާނޫނުގައި ނޯންނަ ކަމަށެވެ. އޮންނަނީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ކަމަށާ، އެ ކުށުގެ އަދަބަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން މި މަހު 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުޑަކުދިންގެ އޮރިޔާން ގެންގުޅޭ ބައެއްގެ މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންނާ މެދު ކުރާ ކުށްތައް ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައުފް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑް ކުރާ މީހުންގެ މައުލޫމާތު ބޭރުގެ އިދާރާތަކުން ހިއްސާކުރުމާ ގުޅިގެން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް