އެޑިއުކޭޝަން މިނިސްޓްރީގެ ނާގާބިލުކަން ފޮރުވަން ހެދީ ދޮގު: އެމްޑީޕީ

އެމްޑީޕީން މޯީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް

އެޑިއުކޭޝަން މިނިސްޓްރީގެ ނާގަބިލުކަން ފޮރުވަން މި ސަރުކާރުގެ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހެއްދެވީ އިތުރުފުޅު ކަމަށް އެމްޑީޕިން މިއަދު ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު މަޖިލީހުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވި ކަންތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އެޅުވީ ކަމަށެވެ.

އަދި މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ތުހުމަތުކުރިއެވެ. އަދި އެ ޕާޓިގެ ފަރާތުން އެ ކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ އަވަހަށް ވައުދު ފުއްދަން ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރަން މިނިސްޓްރީން އެކަން އެޅުވީ މަޖިލިސް މެންބަރުންގެ ބޮލުގައި ކަމަށެވެ.

އެގޮތުން އެޕާޓީން ނެރެފައިވާ ބަޔާނުގައި ބުނީ ދަރިވަރުންގެ އިމްތިހާނަށް ގެނައި ބަދަލާއި ގުޅިގެންވެސް އެ ޕާޓިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެެވެ

އެ ޕާޓީން ބުނީ ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުއްލި ޝޮކެއް ލިބުނު ކަމަށެވެ.

އެގޮތުން މިނިސްޓްރީއިން ނެރުނު ދިރާސީ ކަލަންޑަރުގައި ވާގޮތުން ދަރިވަރުންގެ އިމްތިހާނު 16 މާޗުން 27 އޭޕްރީލަށް ޝެޑިއުލް ކޮށްފައިވާއިރު، ޕޭޕަރުތަށް މާކުކޮށް، ދަރިވަރުންގެ ރިޕޯޓުތައް ތައްޔާރުކުރަން ލިބޭނީ އެންމެ ތިން ދުވަސް ކަމަށް ބުނެފައެވެ. އަދި އެ ވާނީ މުދައްރިސުންނަށް ތަކުލީފަކަށް ކަން ވެސް އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބޭނީ ދެ ދުވަސް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އަދި އެސްއެސްސީ އިމްތިހާނު އޭޕްރިލް 25 ގައި ފެށޭއިރު ކަލަންޑަރު ހަދައިފައުވާ ގޮތަށް ވެސް އެ ޕާޓީން ވަނީ ފާޑު ކިޔައިފައެވެ.

އަދި ކުރިން ކަލަންޑަރު އިން ގޮތް ކަމުނުދިއުމުގެ ސަބަބުން މިހާރު ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ދެ ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މިއީ މަޖިލިހުގެ ކޮން ޕްރެޝަރެއް އޮވެގެން ކޮށްފައިވާ ކަމެއްތޯ އެ ޕާޓީން ވަނީ ސުވާލު އުފައްދައިފައެވެ.

އަދި މިގޮތަށް އެއްވެސް މަޝްވަރާކުރުމެއް ނެތި ނިންމާ ނިންމުންތަކުން، އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާތީ އެ ޕާޓީން އެ ކަމާއި ކަން ބޮޑުވާކަން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް އެމްޑީޕީން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވައިލައިފައެވެ.

comment ކޮމެންޓް