މި މަހުން ފެށިގެން ފުލުހުންގެ މުސާރަތައް އޮތީީ 35 ޕަސެންޓު ބޮޑުކޮށްފައި: ފުލުހުން

އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބޭއްވި 34 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ:މޯލްޑިވްސް ޕޮލިސް

ފުލުހުންގެ މުސާރައިގެ އޮނިގަނޑު މި މަހުން އެކަކުން ފެށިގެން އޮތީ ބަދަލުކޮށްފައި ކަމަށާއި މުސާރަ ދެން ލިބޭނީ ބޮޑުކޮށްކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުސާރައާ ގުޅުންހުރި މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

އެއާއެކު މިހާރު މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރަން ނިންމައިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ ކުރިން ދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެސްފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓު ސަރުކާރުންވަނީ ބޮޑުކޮށްދެއްވާފައި. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް," އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް