ދިވެހި ސަރުކާރުން އިންޑިއާއާ ޒާތީވެއްޖެ ނަމަ، އެހެން ގައުމަތަކާ މެދު އޮތް ގުޅުންތައް ވެސް ހީނަރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ، އިދިކޮޅު ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި، ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފައެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ޚާރިޖީ ގުޅުންތަކަށް ކުއްލި ބަދަލުތައް ގެނެސް، ރާއްޖެއާ އެ ގައުމަކާ ޖެހޭ ގޮތް ހެދުމަކީ ސަރުކާރެއްގެ ނަމުގައި ވިޔަސް، އަދި ސަރުކާރު ހިންގާ ޕާޓީގެ ނަމުގައި ވިޔަސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރުމަށް ފަހު ނޫނީ، އެއްވެސް ހާރިޖީ ސިޔާސަތަކަށް ބަދަލު ގެނެވިގެން ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
"ރާއްޖެ އެކަހެރިވެ، ރާއްޖެއާ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކާ ގުޅުންކެނޑޭ ގޮތް ވެސް ވާނެ، ގައުމާ އެންމެ ގާތުގައިވާ، އެންމެ ބާރުގަދަ އެއް ޑިމޮކްރަސީއާ އަޅުގަނޑުމެން މާ ބޮޑަށް ޒާތީވެ، ޖެހިގަނެގެން އުޅޭ ކަމަށްވަނީ ނަމަ. އެއީ ދެން ދުނިޔޭގައި އެކުލެވޭ ގައުމަތަކާ ވެސް އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެ ކަމެއް،" އިންތި ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާއިން ކުރީގެ ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށް، އެ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ތިލަކޮށްދޭނެ ކަމަށް ބުނެއެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި މައްސަލައިގައި އެކަމާ ދެކޮޅަށް 'އިންޑިއާ އައުޓް'ގެ ނަމުގައި ކެމްޕޭން ވެސް ކުރިއެވެ. އެހެން ނަމަވެސް އެ ކަމަކީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ހީނަރުކަން އަންނާނެ ކަމަކަށްވާތީ އިންޑިއާ އައުޓް ހަރަކާތް ހިންގުން ކުރީ ސަރުކާރުން މަނާކުރިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން މިފަހުން ގޯސްވީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެގައުމުގެ ރައްޔިތުންނަށް މަލާމާތްކޮށް، ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ. އެ ކަމުގެ ސަބަބުން އިންޑިއާގެ ފަންނާނުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ކުރިއެވެ.