ޚާއްސަ ރެއަކު، ވަރަށް ޚާއްސަ މެހުމާނެއް

ދިވެހި ސިފައިންގެ އެއާކޯގެ ޚިދުމަތް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިލްޔާސް ބައިވެރިވެ ވަޑައިގެން-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑް ދިވެހިންނަށް އަމިއްލައަށް ބެލެހެއްޓޭނެ ފެންވަރުގެ ގާބިލުކަމާއެކު ދިވެހި ސިފައިންގެ އެއާކޯގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔައީ ރޭގައެވެ. މިއީ ދިވެހި ތާރީޚުގައި ވެސް ވަރަށް ޚާއްސަ ކަމެކެވެ. މި ރަސްމިއްޔާތު އިތުރަށް ޚާއްސަ ވެގެން ދިޔައީ ގިނަ ދުވަސްތަކަކަށް ފަހު ކުރީގެ ޑިފެންސް މިނިސްޓަރު އިލްޔާސް އިބްރާހީމް މި ރަސްމިއްޔާތަށް ހާޒިރުވެވަޑައިގެން އިންނެވިތަން ފެނުމުންނެވެ.

އެމްއެންޑީއެފް އެއާކޯ އަދި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގެ ކުރީ ސަފުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު މިހާރުގެ ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުން ފެނިގެންދިޔައެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އިލްޔާސް އިބްރާހީމަށެވެ.

އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިލްޔާސް އިބްރާހީމަކީ ސިފައިންގެ ވެރިޔާގެ ނާއިބުކަމާއި މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ނާއިބުކަމާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަޤާމު ފުރުއްވާފައިވާ، އަދި ދިވެހިރާއްޖޭގެ އަސްކަރީ އަދި މަދަނީ ވައިގެ ޚިދުމަތުގައި އިސްވެރިއެއްގެ ގޮތުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން 2008 ވަނަ އަހަރު ނިމުނު ފަހުން އެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރު ކަމަށްވާ އިލްޔާސް އިބްރާހީމް އެހާ އާއްމުކޮށް މިފަދަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރާއްޖޭގެ ދިފާއީ ވުޒާރާއަށް އަގުނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްޔާސް އިބްރާހީމް ރޭގެ ޚާއްސަ، ތާރީހީ ރަސްމިއްޔާތުން ފެނުންވީ ގިނަ ބަޔަކަށް އުފާވެރި ކަމަކަށެވެ. އެކަން ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ފާޅު ކުރަމުންނެވެ.

އިލްޔާސަށް ބޮޑުބޭބެ ވިދާޅުވާ މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއިރު އުފަލާއެކު އެ މަންޒަރު ބައްލަވަން އިލްޔާސް އިންނެވިއެވެ.

ނުފޫޒު ގަދަ، ހިދުމަތްތެރިއެއް

އިލްޔާސް އިބްރާހީމް ވަނީ 40 އަހަރު ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެ ޚިދުމަތްތައް ފެއްޓެވީ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. އެއަށް ފަހު މައުމޫންގެ ދިގު ވެރިކަމުގައި ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވެރިޔާގެ ގޮތުގައި އިލްޔާސް ފާހަގަ ކުރެވުނެވެ.

އެ ދިގު މާޒީގައި ސިފައިންނާއި ފުލުހުންގެ ކަންކަން ނުވަތަ ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމާއި، ރާއްޖޭގެ ވިޔަފާރިއާއި އިގުތިސޯދީ ކަންކަން ހިންގެވުމުގެ ވެރިކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވީ އިލްޔާސް އިބްރާހީމެވެ.

އިލްޔާސް އިބްރާހީމް ފުރުއްވި ދައުލަތުގެ ބައެއް މަގާމުތައް:

  • ސިފައިންގެ ވެރިޔާގެ ނައިބުކަން
  • މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނައިބުކަން
  • ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރުކަން
  • ޓްރޭޑް އެންޑް އިންޑަސްޓްރީޒް މިނިސްޓަރުކަން (ރާއްޖޭގެ ފުރަތަމަ އިންޑަސްޓްރީޒް މިނިސްޓަރު)
  • އެސްޓީއޯގެ ޗެއާމަން ކަމާއި މެނޭޖިން ޑިރެކްޓަރުކަން
  • އެޓޮލްސް އެޑްމިނިސްޓްރޭޝަން މިނިސްޓަރުކަން
  • ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރުކަން (ރާއްޖޭގެ ފުރަތަމަ ސިވިލްއޭވިއޭޝަން މިނިސްޓަރު)
  • ހެލްތް މިނިސްޓަރުކަން

އެއީ 1978 އިން 1990 އަށް ދިވެހިރާއްޖޭގެ އަސްކަރީ އަދި މަދަނީ ވައިގެ އުދުހުންތަކާބެހޭ އިސްވެރިޔާއެވެ. އަދި 1998 އިން 2005 އަށް ވައިގެ އުދުހުންތަކާބެހޭ ވަޒީރެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަަތަމަ ސިވިލްއޭވިއޭޝަން މިނިސްޓަރެވެ.

ހަމަ އެކަނި ސަރުކާރުގެ ވަޒީރުކަން ވެސް 20 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާފައިވާ އިލްޔާސް އިބްރާހީމް ވަނީ ގާތްގަނޑަކަށް 30 އަހަރު ރައްޔިތުންގެ މަޖިލީހުގައި ވެސް ޚިދުމަތް ކުރައްވާފައެވެ.

އިލްޔާސް އިބްރާހީމަކީ ވަރަށް ހަރަކާތްތެރި، ދީލަތި އަދި އާންމުންނާއި ގުޅުން ބެހެއްޓެވި ބޭފުޅެކެވެ. އެ އަދާކުރައްވާ ވަޒީފާގެ ވާޖިބު އަދާކުރެއްވުމަށްޓަކައި، އެ އޮފީހަކުން ހިންގާ މަސައްކަތްތައް އަމިއްލަ ފުޅަށް އެތަންތަނަށް ވަޑައިގެން ބައްލަވައި، ބައެއް ފަހަރު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ހީވާގި މުރާލި ބޭފުޅެކެވެ.

ދިވެހި ދައުލަތަށް އެތައް އަހަރެއް ވަންދެން ކުރައްވަމުން ގެންދެވި ޚިދުމަތް 2008ވަނަ އަހަރު ނިންމާލެއްވުމަށް ފަހު، އިލްޔާސް ގިނައިން އުޅުއްވީ ރާއްޖޭން ބޭރުގައެވެ. ރޭގައި އިލްޔާސް ބައިވެރިވެވަޑައިގެންފައި މިވަނީ ވަރަށް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

comment ކޮމެންޓް