ސައްހަނޫން ފޯމެއް ހުށަނާޅަން، އިދާރީ މައްސަލަތައް ހައްލުކުރާނަން: މަލީހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ޕީއެންއެފުން ހުށަހެޅި ސައްހަނޫން ފޯމްތަކުގައި ހުރީ އިދާރީ ކުދި މައްސަލަތަކެއް ކަމަށް އީސީން ބުނޭ -- ސަން ފޮޓޯ

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފައްދަން ސައްހަނޫން ފޯމެއް ހުށަހަޅައިފައިނުވާނެކަމަށާއި، އިދާރީ ކުދި މައްސަލަތައް ޖެހިގެން ރަނގަޅުކުރަން ޖެހުނު ފޯމުތައް ރަނގަޅުކުރަމުން އަންނަކަމަށް ޕީއެންއެފް އުފައްދަން އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް އެ ކޮމިޝަނަށް 3370 ފޯމުކަމަށެވެ.

އެ ހުރިހާ ފޯމުތަކެއްގެ ސައްހަ ކަން ކަށަވަރުކޮށްފައިވާ ކަން ފާހަގަކޮށް ހަބީބް ވިދާޅުވީ ހުށަހެޅި 3370 ފޯމުތަކުން ސައްހަ ނޫން ފޯމުތަކުގައި ހުރީ އިދާރީ ކުދި މައްސަލަތަކެއް ކަމަށެވެ.

"ތާރީޚުގެ މައްސަލަ ކަހަލަ އިދާރީ މައްސަލަތައް ހުރީ. އެކަން ކަން ރަނގަޅު ކުރީމަ ހަމަ އެ ފޯމްތައް ސައްހަވާނެ," ހަބީބް ވިދާޅުވިއެވެ.

https://sun.mv/189755

މިކަމާ ގުޅިގެން މަލީހް މިރޭ 'ސަން'އަށް ވިދާޅުވީ، އެ ޕާޓީން ސައްހަ ނޫން ފޯމެއް ހުށަހަޅާފައިވާ ނުވާ ކަމަށެވެ.

"ސައްޙަ ނޫން އެއްވެސް ފޯމެއް މި ޕާޓިން ހުށަހަޅާފައެއް ނުވާނެ. އީސީން މައްސަލަ ޖެހުނު ކަމަށް ބުނި ފޯމްތަކުގަ ހުރީ އިދާރީ ކުދި މައްސަލަތަކެއް. އެގޮތުން ތަރީޚު ޖަހަން ހުރި ތަނުގައި 2024ގެ ބަދަލުގައި 2023 ކަހަލަ މައްސަލަތައް ޖެހިފައި ހުރީ،" މަލީހް ވިދާޅުވިއެވެ.

އެއާއެކު، މަލީހު ވިދާޅުވީ މައްސަލަ ޖެހުނު ފޯމްތައް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި ވިހާވެސް އަވަހަށް އެ ފޯމުތައް ރަނގަޅު ކުރުމަށް ފަހު އީސީއަށް އަލުން ހުށަހަޅާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: -- ފޮޓޯ/ ޗެނަލް 13

މިދިޔަ ނޮވެމްބަރު މަހު އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާ އެކު، އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އޭރު ވިދާޅުވީ، އަމާޒަކީ 24 ގަޑިއިރު ތެރޭގައި ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް، އީސީއަށް ހުށަހެޅުން ކަމަށެވެ.

އެކަމަކު، އެ މަސައްކަތް ދިގުލައިގެން ދިއުމުން މިދިޔަ ޑިސެމްބަރު މަހު މަލީހާ ސުވާލުކުރުމުން ވިދާޅުވީ 3،000 މެންބަރުންގެ ފޯމު ހަމަވި ނަމަވެސް އީސީއަށް ހުށަހެޅުން ލަސްކުރަނީ ޔާމީން މިނިވަންވަންދެން ކަމަށެވެ.

މިދިޔަ ޑިސެމްބަރު 25، 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވި ހުކުމުން ސަލާމަތް ނުވެއެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް