ޕީއެންއެފުން ހުށަހެޅި 3000 ފޯމުން ސައްހަވީ 1976 ފޯމް: އީސީ

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި -- ސަން ފޮޓޯ: ސަން ފޮޓޯ/ މުހައްމަދު މާވީ

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފެއްދުމަށް ހުށަހެޅި 3000 ފޯމުން ސައްޙަވީ 1976 ފޯމް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް 'ސަން'އަށް ވިދާޅުވީ ޕީއެންއެފް ހުށަހެޅުމަށް 3,370 ފޯމް އެ އިދާރައަށް ހުށަހެޅި ކަމަށާއި އެ ހުރިހާ ފޯމްތަކެއް އީސީން ކަށަވަރުކޮށް ނިމިފައިވާ ކަމަށެވެ.

އެގޮތުން އެ ފޯމްތަކުގެ ތެރެއިން 1,313 ފޯމް ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު ދީފައިވާ ކަމަށާއި 81 ފޯމް އީސީން ރިޖެކްޓުކޮށްފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ މައްސަލަ ޖެހުނު ފޯމްތަކުގައި ހުރިހާ ތާރީޚުގެ މައްސަލަ ކަހަލަ ކުދި އިދާރީ މައްސަލަތައް ކަމަށެވެ.

"ތާރީޚުގެ މައްސަލަ ކަހަލަ އިދާރީ މައްސަލަތައް ހުރީ. އެކަން ކަން ރަނގަޅު ކުރީމަ ހަމަ އެ ފޯމްތައް ސައްހަވާނެ," ހަބީބް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ހަގީގަތް އޮޅުވައިލަނީ ކަމަށް -- ސަން ފޮޓޯ

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

މިދިޔަ ނޮވެމްބަރު މަހު އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާ އެކު، އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އޭރު ވިދާޅުވީ، އަމާޒަކީ 24 ގަޑިއިރު ތެރޭގައި ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް، އީސީއަށް ހުށަހެޅުން ކަމަށެވެ.

އެކަމަކު، އެ މަސައްކަތް ދިގުލައިގެން ދިއުމުން މިދިޔަ ޑިސެމްބަރު މަހު މަލީހާ ސުވާލުކުރުމުން ވިދާޅުވީ 3،000 މެންބަރުންގެ ފޯމު ހަމަވި ނަމަވެސް އީސީއަށް ހުށަހެޅުން ލަސްކުރަނީ ޔާމީން މިނިވަންވަންދެން ކަމަށެވެ.

މިދިޔަ ޑިސެމްބަރު 25، 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވި ހުކުމުން ސަލާމަތް ނުވެއެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް