ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލާ ކިޔޫތައް ބަންދުކޮށް، ހުރިހާ ވޯޓު ފޮށިތަކެއް ވެސް ބަންދުކޮށްފިއެވެ.
'ސަން' އަށް މައުލޫމާތުދެމުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ 16:00 ޖެހުމާއެކު ވޯޓުލާ ކިޔޫތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުރިހާ ވޯޓު ފޮށިތަކެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިއަދު 15:00ގެ ނިޔަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 6،093 މީހުންގެ ތެރެއިން 3،892 މީހުން ވަނީ ވޯޓު ލައިފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ 63.88 އިންސައްތައެވެ.
ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ:
- ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި)
- ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
- ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.