މުސާރައަށް މި ސަރުކާރުން 300 މިލިއަން އިތުރަށް ހަރަދުކުރޭ، ފައިސާ ނުހުންނަނީ އެހެންވެ: ޞާލިޙް

އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް ޞާލިޙް: ވިދާޅުވީ ބަޖެޓު ނެތީ މުސާރައަށް ކުރާ ހޭދަ ބޮޑުކަމުން -- ފޮޓޯ/ އެމްޑީޕީ

ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މުސާރައަށް ކުރަންޖެހޭ ހޭދަ ބޮޑުކަމުން ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިއްޔެ ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ށ. މިލަންދޫ ދާއިރާއަށް ވަޑައިގެން އެ މަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން ޞާލިޙް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި މިދިޔަ 2023 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މުސާރައަށް ހޭދަކޮށްފައިވާނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު، މި ސަރުކާރުން އިތުރަށް 300 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހިސާބުތަކުން އެނގޭ ގޮތުގައި މުސާރައަށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 2023 ވަނަ އަހަރާ އަޅާބަލާއިރުގައި ގާތްގަނޑަކަށް 270 މިލިއަނާއި 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފި،" އެ މަނިކުފާނު މިލަންދޫގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.

"މިއީ ބަޖެޓުގައި ފައިސާ ނެތިގެން މި އުޅޭ ސަބަބަކީ،"

ޞާލިޙް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހު މުސާރައަށް ދައުލަތުގެ ބަޖެޓުން 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ، ގާތްގަނޑަކަށް 270 އާއި 300 މިލިއަން ރުފިޔާއާ ދެމެދުގެ އިތުރުވުމެއްކަން ފާހަގަކުރައްވާ ޞާލިޙް ވަނީ މި ސަރުކާރުން 1،500 އެއްހައި ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ބަޖެޓުން ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް، މިލަންދޫގައި އެއާޕޯޓު އެޅުންފަދަ ކަންކަން ކުރަން ފަށަން ގޮވާލައިފައެވެ.

ކުރީގެ ރައީސް ޞާލިޙް: ވިދާޅުވީ މަޖިލީހުގައި ކޮންމެހެން ވެސް އެމްޑީޕީ މެންބަރުން ތިބެންޖެހޭ ކަމަށް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

"އެ 300 މިލިއަން ރުފިޔާ ހިފައިގެން މި ތަނުގައި އެއާޕޯޓު އަޅަން އަންނަންވީ ނޫންތޯ، މަސައްކަތް ފަށައިގަނެވޭނެ. ބިން ހިއްކޭނެ. އެހެންނަމަވެސް ވިސްނުމެއް ނެތް، ދައްކަވާ ވާހަކަތަކެއް މިއީ،" މިލަންދޫގައި އެއާޕޯޓު އަޅަން އެމްޑީޕީން އެއްބާރުލުން ދޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ކަންތައްތައް ހަމަމަގަށް އެޅުވުމަށްޓަކައި އެމްޑީޕީގެ މެންބަރުން އެބަޖެހޭ މަޖިލީހުގައި ތިބެން،"

މި ސަރުކާރުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރާން ވައުދުވެފައެވެ. އެކަމަކު، މިހާތަނަށް ސަރުކާރަށް 300 އަށްވުރެ ގިނަ ސިޔާސީ ބޭފުޅުން އައްޔަންކޮށްފައިވާއިރު ސިޔާސީ ގޮތުން އައްޔަންކުރާ ގިނަ ބޭފުޅުން އައްޔަންކުރަނީ އެންމެ ބޮޑެތި މުސާރަތައް ލިބޭ މަގާމުތަކަށެވެ.

އެގޮތުން، ސަރުކާރުގެ ކެބިނެޓުގައި 22 ވަޒީރުން ތިއްބަވައެވެ. އޭގެ އިތުރުން، ވަޒީރު ފެންވަރުގައި 20 ބޭފުޅުން ތިއްބަވައެވެ. އަދި، ސްޓޭޓު މިނިސްޓަރު ފެންވަރުގައި 90 އަށްވުރެ ގިނަ ބޭފުޅުން އަދި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 160 އަށްވުރެ ގިނަ ބޭފުޅުން ތިއްބަވައެވެ.

comment ކޮމެންޓް