ދިވެހިންނަށް މިވީ ކިހިނެއް ހެއްޔެވެ؟

ކޮވިޑް-19 ގެ ދުވަސްވަރު ބަޔަކު މާސްކު އަޅައިގެން ވެހިކަލު ދުއްވަނީ -- ސަން ފޮޓޯ

އިހު ދިވެހީންގެ ދިރިއުޅުމުން ފެންނާން އޮތީ އެކަކު އަނެކަކަށް އިޙުތިރާމު ކުރުމެވެ. އެހީތެރިވެދީ ކަމޭހިތުމުގެ ލާމަސީލު ނަމޫނާއެވެ. ލަދުވެތި މަންޒަރުތައް ޢާއްމުނުވާނޭހެން ދިރިއުޅުމެވެ. ތިމާގެ ޙައްޤާމެދު ވިސްނާފަދައިން އަނެކާގެ ޙައްޤުތަކާމެދު ސަމާލުކަން ދިނުމެވެ. އިސް ރަށްވެހީންގެ ވާހަކަތަކާއި ފެންނާންހުރި ލިޔުންތަކުން މިކަން އެނގޭން އެބައޮތެވެ. އެހެންކަމުން އަހުރެމެންގެ ކާބަފައިން ޢަމަލުކޮށްފައި އެވަނީ އިސްލާމްދީނުގެ ހިދާޔަތާ އެއްގޮތަށެވެ.

މިހާރުގެ ގިނަ ދިވެހީންނަށް ހީވެފައި އޮންނަ ގޮތުގައި ޙައްޤަކީ ތިމާގެ އެކަނި އޮންނަ އެއްޗެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ތިމާގެ ޙައްޤު ލިބިއްޖެނަމަ އެ ނިމުނީއެވެ. ތިމާގެ ވަށައިގެން އުޅޭ އެހެންމީހުންނާމެދު ފަރުވާލެއް ބަހައްޓާކަށްނުޖެހޭނެއެވެ. ލަދުގަންނާންޖެހޭކަމެއް ހުތުރުކަމެއް އެއީ ނެތް އެއްޗެކެވެ. މަގުމަތީގެ ޙަރަކާތްތަކަށް ނަޒަރު ހިންގައިލުމުން، މިއީ ދިވެހީންގެ ވިސްނުން ބަދަލުވަމުންދާ ގޮތްކަން ސާފުކޮށް އެނގޭނެއެވެ. ނަމަވެސް މިއީ އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހީންގެ ދިރިއުޅުމުގެ ރީތި އާދަތަކާ މުޅީން ޚިލާފު ބާޠިލު ވިސްނުމެކެވެ. އަވަސް ފަރުވާއެއް ހޯދަންޖެހިފައިވާ ނުރައްކާތެރި ބައްޔެކެވެ.

މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެތަނުގައި މަޑުކޮށްގެން ތިބުމާއި އެ ނޫން ވެސް ގޮތްގޮތަށް މަގު ބޭނުންކުރުމުގައި ޢަމަލުކުރުން ވާޖިބު ކަންތައްތަކެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި؛ ބެލުންތައް ތިރިކުރުމާއި، ތިމާގެ ފުށުން އެހެންމީހުންނަށް އުނދަގުލެއް ލިބިދާނެފަދަ ކަންކަން ނުކުރުން ހިމެނެއެވެ.(‏متفق عليه)

އިސްވެދިޔަ ޙަދީޘްގައި މަގުމަތީގެ ޙައްޤުގެގޮތުގައި ޢަމަލުކުރުން ލާޒިމުކުރައްވާފައިވާ އެއްކަމަކީ ބެލުންތައް ތިރިކުރުމެވެ. އެއީ ތިމާ ބެލުން ހުއްދަނޫން އެއްވެސް މަންޒަރެއް ނުބެލުމެވެ. މިއީ ޤުރުއާނުގައި ވެސް ނަހީކުރައްވާފައިވާ ކަމެކެވެ.( ނޫރު: 30-31) މީގެ ތެރޭގައި؛ ޢައުރަ ނިވައި ނުވާގޮތަށް ހެދުން އަޅައިގެން އުޅޭ މީހުންނަށް ބެލުމާއި މަގުމަތީގައި މީހުން ކުރާ އެހެނިހެން ފާޙިޝް ކަންތައްތައް ބެލުމާއި އެފަދަ އަޑުތައް އެހުން ހިމެނެއެވެ. މިއީ ޙަރާމް ކަންކަމެކެވެ. ކަން މިހެން އޮތްނަމަވެސް މަގުމަތީން ފެންނަ ހުއްދަނޫން މަންޒަރުތައް ބެލުމުގެ ފާފައަށް އަރައިގަތުމާއެކު، އެ މަންޒަރުތައް ފޮޓޯ ނަގައި ވީޑިއޯކޮށް މީސްމީޑިއާގައި ފަތުރައި އިތުރު ޙަރާމް ކަމެއްގެ ތެރެއަށް ވަދެގެންދާ މީހުން ގިނަވަމުން އެބަދެއެވެ. އެފަދަ ފާޙިޝް ޢަމަލުތަކާއި ގޮވެލިތައް ވީޑިއޯކޮށް ޢާއްމުކުރާ މީހުން ﷲ އަށް ބިރުވެރިވާންޖެހޭނެއެވެ. އެކަން ހިމެނޭނީ ބިންމަތީގައި ފާޙިޝް ޢަމަލުތައް ފެތުރުމުގެތެރެއިންނެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުރި ކަމެއްކަމަށް އަންގަވާފައިވެއެވެ. (ނޫރު: 19)

ޝައްކެއްނެތްގޮތުގައި އެހެން ތަންތަނެކޭ އެއްގޮތަށް މަގުމަތީގައި ފާޙިޝް ޢަމަލުތައް ކުރުމަކީ ވެސް ޙަރާމްކަމެކެވެ. ނަމަވެސް މީހަކު ޙަރާމްކަމެއް ކުރުމަކީ އެ މަންޒަރު ފެންނަ ހިސާބުގައި ތިބި އެހެން ބަޔަކު ޙަރާމްކަމަކަށް އަރައިގަންނާންޖެހޭ ސަބަބެއްނޫނެވެ. މީހުން ކުރާ ފާޙިޝް ޢަމަލުތައް ހޯދައި ފޮޓޯ ނަގައި ވީޑިއޯކޮށް ޢާއްމު ކުރުމަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ނުބައިކަން ބޮޑު ޢަމަލެކެވެ. މިސާލަކަށް، އެފަދަ ޢަމަލުތައް ތަކުރާރުކޮށް ފެންނާން ފެށުމުން މީހުންގެ ލަދު ޙަޔާތް ކެނޑި އެއީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ބަލައިގަނެވޭނެތަން އަންނާނެއެވެ. އަދި މީހުންގެ ކުށްތައް ހޯދައި ފަޟީޙަތް ކުރުމުގައި އެކަކު އަނެކަކާ ވާދަ ޖަހައި އެއީ މޮޅުކަމެއްކަމުގައި ދެކޭން ފަށާނެއެވެ. ޤަބޫލުކުރަން ދަތިނަމަވެސް ދިވެހި މުޖުތަމަޢު މިއަދު މިވަނީ އެ ދަރަޖައަށް ވެއްޓިފައެވެ.

ޙަދީޘްގައި މަނާކުރައްވާފައިވާ އަނެއް ކަމަކީ މަގުމަތީގައި އުޅޭއިރު ތިމާގެ ފުށުން އެހެންމީހަކަށް އުނދަގުލެއް ލިބިދާނެފަދަ ކަންކަން ކުރުމެވެ. ނަމަވެސް މި އަމުރުފުޅާ ޚިލާފު އެތައްކަމެއް މުޖުތަމަޢުން ފެންނަމުން ދެއެވެ. މިސާލަކަށް؛ މަގު ނުވަތަ ދުވާރު މަތީގައި ތިބޭ މީހުން، އެ ތަނުން ހިނގާ އެހެންމީހުންނަށް ތަން ނުދިނުމަކީ ޢާއްމުކޮށް ތަޖުރިބާ ކުރެވޭ ކަމެކެވެ. ވަރަށް ދަތިކޮށް ހުންނަ ތަންތަނުން ދާން އުޅޭއިރުވެސް، ތިބި ތަނުން ގުޑައިވެސްނުލައި ބޮޑައިކަމާއި ކިބުރުވެރިކަން ދައްކައިގެން ތިބޭ މީހުން ގިނައެވެ. މަގުމަތީގައި އަނެކާއަށް ނެތް ވަކި ޚާއްޞަ ޙައްޤެއް ތިމާއަށް ނޯންނާނެކަން އެފަދަ މީހުން ނުދަނެއެވެ.

އެއްކޮޅަށް ދުއްވާ މަގުތަކުން ޤަވާޢިދާ ޚިލާފަށް ނުވަންނަންވެގެން، ހަމަ އެ މަގުގެ ޕޭމަންޓު މަތިން ސައިކަލުގައިދާ މީހުން އުޅެއެވެ. އެ މީހުން ހިތުން އެގޮތަށް ދިއުން އެއީ އެންމެ ރަނގަޅު ކަމެކެވެ. އަދި، މަގުގެ ވަކި ހިސާބެއް ބަންދުވެގެން އުޅޭ ވަގުތުގައިވެސް ޕޭމަންޓު މަތިން ސައިކަލު ދުއްވާފައިދާ މީހުން ޢާއްމުކޮށް ފެނެއެވެ. ނަމަވެސް ޕޭމަންޓަކީ ސައިކަލު ދުއްވަން އޮންނަތަނެއްނޫނެވެ. އެއީ، މީހުން ހިނގަން އޮންނަ ތަނެކެވެ. އެތަނުގެ ޙައްޤު އޭގެ ވެރީންނަށް ކަށަވަރުވާންޖެހޭނެއެވެ.

ޕޭމަންޓުމަތިން ސައިކަލު ދުއްވާ މީހުން ބުނާކަހަލައެވެ. އެހެން ދާއިރު މީހެއްގެ ގައިގައި ނުޖެހެންޏާ އެއީ މައްސަލައެއްނޫނެވެ. ނަމަވެސް އެހެންވާނީ ކިހިނަކުންހެއްޔެވެ؟ ޕޭމަންޓުން މުސްކުޅި އަންހެނަކު ގޮސްގޮސް ހުއްޓައި ކުއްލިއަކަށް އޭނާގެ ކުރިމަތިން ޒުވާނަކު ސައިކަލެއްގައި ޕޭމަންޓަށް އެރިއެވެ. އެ ވަގުތު އެ މުސްކުޅި އަންހެނާގެ މޫނު މައްޗަށް އައި ބަދަލާއި އޭނާއަށް ލިބުނު ސިހުމާއި މޮޅިވެރިކަން ވަރަށް ރަނގަޅަށް ފެނުނެވެ. ބިރުގެންފައިވާ އެ މީހާ މާޔޫސްކަމާއެކު ތުރުތުރުލާ އަޑަކުން "އެއީ މަނާކަމެއް" .... މިހެން ބުނެލިއެވެ. ތެދެކެވެ. ބާރު ދުވެލީގައި ޕޭމަންޓު މަތިން ދުއްވި ސައިކަލުން އެ މުސްކުޅިޔާގެ ގަޔަކު ނުޖެހެއެވެ.

ނަމަވެސް އޭނާގެ "ހިތުގައި" ސައިކަލުން ޖެހި ވަރަށް ބޮޑެތި ޒަޚަމުތަކެއް ލިބުނުކަން ޔަޤީނެވެ. އެ މުސްކުޅިޔާއާއި އެ ނޫން މީހުން ހިނގާން އޮތް ހަމައެކަނި ތަންކޮޅުގައި ވެސް ރައްކާތެރިކަމެއްނެތްކަމުގެ އިޙުސާސް ކުރިކަން އޭނާގެ ދެލޮލުން ފާޅުވާން ހުއްޓެވެ.

ބަޔާންވެދިޔަ ނުރައްކާތެރި ބަލި ނައްތައިލުމަށްޓަކައި ސަރުކާރުގެ އިސްނެގުމާއި އެހީތެރިކަމާއެކު، އެންމެން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރާންޖެހެއެވެ. މަންމައިންނާއި ބައްޕައިންނެވެ. ޢިލްމުވެރިންނާއި މުދައްރިސުންނެވެ. މަސްވެރިންނާއި ދަނޑުވެރިންނެވެ. އެއްވެސް މީހަކު އިސްތިޘްނާ ނުވާނޭހެން، ތަކުލީފު ލިބިގެންވާ ހަމަ ކޮންމެ މީހެކެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމީ އަހުރެމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ވާޖިބެކެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ.

"އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"(އަލްމާއިދާ: 2)

comment ކޮމެންޓް