މަޖިލިސް އިންތިޚާބުގެ ތާރީޚާ ގުޅޭ މަޝްވަރާތައް އީސީން ކުރަނީ

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލިސް އިންތިޚާބުގެ ތާރީޚާ ގުޅޭ މަޝްވަރާތައް އީސީން މާދަމާ ކުރާނެ -- ފޮޓޯ/ އީސީ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މަޝްވަރާތައް ބާއްވަން ތައްޔާރުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް "ސަން"އަށް ވިދާޅުވީ އެ ބިލް ފާސްކުރުމާ ގުޅިގެން އީސީގެ މެންބަރުންގެ މެދުގައި މާދަމާ މަޝްވަރާކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ ރޯދަމަހުގެ ހަތް ވަނަ ދުވަހާ ދިމާވާގޮތަށް، މާޗު މަހުގެ 17ގައެވެ.

އެހެންވެ، މިހާތަނަށް އިންތިޚާބުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ އެ ދުވަހަށް ކަމުން، ވޯޓު ފަސްކުރާނަމަ މަސައްކަތްތަކާއި ޚަރަދުތައް އިތުރުވާނެކަން ހަބީބް ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި އިންތިޚާބަށް ބޭނުންވާ ޓެންޓު ފަދަ ތަކެތީގެ ޚަރަދާއި ޓާސްކްފޯސް މުވައްޒަފުންނަށް ދޭން ޖެހޭ އެލަވަންސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަމަހުގެ ނިޔަލަށް އެމީހުން ބައިތިއްބަންޏާ އަރާނެ މިލިއަނެއްހާ ރުފިޔާ ހަމައެކަނީ އެމީހުންގެ އެލަވަންސަށް ވެސް. އަޅުގަނޑުމެންގެ ވަގުތީ މުވައްޒަފުން ގެންގުޅޭ މުއްދަތު ވެސް އިތުރުވަންޏާ ވަރަށް ބޮޑު ޚަރަދުތަކެއް އެއީ،" ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީސީން ބާއްވާ މަޝްވަރާތަކުގައި، އިންތިޚާބު ފަސްކުރާނަމަ އިތުރުވާނެ ޚަރަދުތަކުގެ ހިސާބުތައް ވެސް ބަލާނެ ކަމަށެވެ.

މިއަދު މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން އިންތިޚާބުތައް ބޭއްވޭނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުންނެވެ.

އިންތިޚާބު ރޯދަމަހާ ދިމާވާތީ މީގެ ކުރިން އީސީން ވަނީ، ރޯދައިގެ ކުރިން އިންތިޚާބު ބާއްވައިދިނުމަށް މަޖިލީހުގައި އެދިފައެވެ. ނަމަވެސް އިންތިޚާބު ފަސްކުރަން ޖެހުނަސް އެކަމަށް ވެސް ތައްޔާރަށް އޮތް ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް