މަޖިލިސް އިންތިޚާބަށް ފުލުހުންގެ ކޮމާންޑަރުން ތަމްރީނު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މާލެއާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މާލެއާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ފުލުހުން ބުނީ އެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ގުޅިގެން މިއަދު ފެށި މި ޕްރޮގްރާމުގައި މަޖިލިސް އިންތިޚާބާބެހޭ ގާނޫނާއި، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ އިތުރުން އިލެކްޝަންސްގެ ގާނޫނަށް ފުލުހުން އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރުން، ކުރީގެ އިންތިޚާބުތަކުގެ މައުލޫމާތާއި، ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާ އެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާއާއި މައުލޫމާތު ވެސް މި ޕްރޮގްރާމްގެ ދަށުން ފުލުހުންނަށް ހިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި، ކުރީގެ އިންތިޚާބުތަކުގައި ދިމާވެފައިވާ މައްސަކަތަކާއި، އެ ކަންކަން ހައްލުކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު، މި ޕްރޮގްރާމްގައި ފުލުހުންގެ ކޮމާންޑަރުންނަށް މައުލޫމާތު ދެއްވަނީ ފުލުހުންގެ ހިދުމަތުގެ މުދައްބިރުންނާއި އީސީގެ ކަމާގުޅޭ މުދައްބިރުންނެވެ. މި ޕްރޮގްރާމްގެ ފަހު ކުލާސްތައް މާދަން އޮންނައިރު، އެ ކުލާސްތަކުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް މައުލޫމާތު ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މާޗު މަހުގެ 17ވަނަ ދުވަހުގައެވެ.

އެ ތާރީހު ރޯދަމަހުގެ ހަތްވަނަ ދުވަހާ ދިމާވާތީ، އެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ވެސް ގެނައެވެ. އެހެންނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބިލް ތަސްދީގު ކުރެއްވުމުގެ ބަދަލުގައިވަނީ މަޖިލީހަށް އަލުން އަނބުރާ އެ ބިލް ފޮނުވާލައްވާފައެވެ.

comment ކޮމެންޓް