މުއްދަތު ހަމަވާން ދެ ދުވަހަށްވުމުން ޔާމީންގެ ޕާޓީއިން 3،000 ފޯމު ހުށަހަޅައިފި

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީންގެ އާ ޕާޓީއަށް 3،000 ފޯމު ވަނީ ހަމަކޮށްފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފައްދަން ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައި އޮއްވައި މިއަދު އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ސިޔާސީ ޕާޓީ އުފައްދަން ގާނޫނުން ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރަން ތިން މަސް ދުވަސް ލިބެއެވެ. އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވާއިރު އީސީގެ ސެކެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ސަން"އަށް ވިދާޅުވީ ޔާމީންގެ އާ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ފޯމު މިހާރު އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، މިހާރު ކުރިއަށް ދަނީ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތެވެ.

https://sun.mv/186285

ޔާމީން އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

މިދިޔަ ނޮވެމްބަރު މަހު އެ ޕާޓީ އުފައްދަން ހުއްދަ ދިނުމާ އެކު، އެ މަސައްކަތުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އޭރު ވިދާޅުވީ، އަމާޒަކީ 24 ގަޑިއިރު ތެރޭގައި ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް ފޯމު ހަމަކޮށް، އީސީއަށް ހުށަހެޅުން ކަމަށެވެ.

އެކަމަކު، އެ މަސައްކަތް ދިގުލައިގެން ދިއުމުން މިދިޔަ ޑިސެމްބަރު މަހު މަލީހާ ސުވާލުކުރުމުން ވިދާޅުވީ 3،000 މެންބަރުންގެ ފޯމު ހަމަވި ނަމަވެސް އީސީއަށް ހުށަހެޅުން ލަސްކުރަނީ ޔާމީން މިނިވަންވަންދެން ކަމަށެވެ.

މިދިޔަ ޑިސެމްބަރު 25، 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވި ހުކުމުން ސަލާމަތްނުވެއެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއްދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

comment ކޮމެންޓް