ދެކުނު ކޮރެޔާގެ ޑޮކްޓަރުން އަނބުރާ މަސައްކަތަށް ނުކުންނަން މުއްދަތެއް

ދެކުނު ކޮރެޔާގެ ޑޮކްޓަރުން ކުރާ މުޒާހަރާ -- ފޮޓޯ/ރޮއިޓާސް

ދެކުނު ކޮރެޔާގައި މުޒާހަރާ ކުރަމުންދާ ޑޮކްޓަރުން މި މަހުގެ ފަހުކޮޅު މަސައްކަތަށް އަނބުރާ ނުކުތުމަށް އަންގައިފިއެވެ.

ދެކުނު ކޮރެޔާގައި ޑޮކްޓަރުންގެ އަދަދު މަދުވެ، އެކަމުގެ ގޮންޖެހުންތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ، ޑޮކްޓަރުން އިތުރުކުރަން ސަރުކާރުން މަސައްކަތްކުރުމަށް ގޮވާލައި ޑޮކްޓަރުން މުޒާހަރާ ކުރަން ފަށައިފައިވަނީ މިދިޔަ ހަފުތާއިން ފެށިގެންނެވެ.

ދާއިމީ ޑޮކްޓަރުންނާއި އިންޓާނުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި 6،415 އަށް ވުރެ ގިނަ ޑޮކްޓަރުން ވަނީ އެކަމާ ގުޅިގެން އިސްތިއުފާ ވެސް ދީފައެވެ. މުޒާހަރާގެ ސަބަބުން ތާވަލުކޮށްފައިހުރި ގިނަ ޕްރޮސީޖާތައް ކެންސަލްކޮށް ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން މަދުކުރަން ޖެހިފައިވާ ކަމަށް މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މުޒާހަރާ އިތުރަށް ކުރިއަށްދާނަމަ، ދެކުނު ކޮރެޔާގެ ސިއްހީ ނިޒާމަށް އިތުރަށް ބުރޫއަރާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

"ހާލަތުގެ ނުރައްކާތެރި ކަމަށް ބަލާފައި މިއީ ސަރުކާރުން އެދޭ އެންމެ ފަހުގެ އާދޭސް،" މުޒާހަރާއާ ގުޅިގެން ޓާސްކްފޯސް ބައްދަލުވުމެއް ފެށުމުގެ ރަސްމިއްޔާތުގައި ރައްކާތެރިކަމާ ބެހޭ ވަޒީރު ލީ ސަންގް މިން ވިދާޅުވިއެވެ.

ދެކުނު ކޮރެޔާގެ ސިއްހީ ވުޒާރާގެ ނައިބު ޕާކް މިންސޫ ވިދާޅުވީ މާޗު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެނބުރި މަސައްކަތަށް ނުދާ ޑޮކްޓަރުންނަށް ގާނޫނީ އެހެން ފިޔަވަޅުތަކާއެކީ ބޭސްފަރުވާ ދިނުމުގެ ހުއްދަ ތިން މަސް ދުވަހުގެ ނިޔަލަށް ބާތިލުކުރަން ވަނީ ނިންމައިފައެވެ.

މުޒާހަރާގައި ބައިވެރިވެ ހޮސްޕިޓަލަށް ނުނިކުންނަ ޑޮކްޓަރުންނާމެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ދެކުނު ކޮރެޔާގެ ސަރުކާރުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ދައުވާ ކުރުމާއި، ހައްޔަރު ކުރުން، އަދި މެޑިކަލް ލައިސެންސް އަތުލުން ފަދަ ކަންކަން ހިމެނެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އަސްލު މައްސަލައަކީ މުސާރައާއި މަސައްކަތުގެ ހާލަތެވެ. މެޑިކަލް ސްކޫލްތަކުގެ ކޯޓާ ބޮޑު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން އުވާލުމަށް ގޮވާލައި ވެސް އެއްވުންތައް ބާއްވައިފައިވެއެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އެ ޕްލޭނަށް ދެކުނު ކޮރެއާގެ ގިނަ ރައްޔިތުން ތާއީދު ކުރެއެވެ.

ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ސަރުކާރުގެ އެ ޕްލޭނަކީ އޭޕްރީލް މަހު ބާއްވާ އާންމު އިންތިޚާބުގައި ވޯޓު ހޯދުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.

ދެކުނު ކޮރެއާއަކީ އޯގަނައިޒޭޝަން ފޯ އިކޮނިމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ޑޮކްޓަރުން އެންމެ މަދު އެއް ގައުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު ކޮރެއާގައި ކޮންމެ 1،000 މީހަކަށް ތިބެނީ 2.5 ޑޮކްޓަރުންނެވެ. މިއީ މި ނިސްބަތް މެކްސިކޯ ފިޔަވައި ދެވަނައަށް އެންމެ ދަށް ގައުމެވެ.

comment ކޮމެންޓް