މުޒާހަރާތަކާ ގުޅިގެން، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހީން ސަމާލުވާން އިލްތިމާސްކޮށްފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން: އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ/ އޭއެފްޕީ

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު އިލްތިމާސެއްގައި ވަނީ، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް މިދަނޑިވަޅުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެގައުމުގެ ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.

ހަމައެއާއެކު، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ހައިކޮމިޝަނުގެ ނަންބަރު +8801329748885 އަދި އެ ކޮމިޝަނުގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ބަންގްލަދޭޝްގެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން މުޒާހަރާ ކުރަމުން އަންނަނީ ސަރުކާރުގެ ވަޒިފާތަކަށް ކޯޓާ ކަނޑައަޅާ ނިޒާމާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ ނިޒާމުގައި އޮންނަ ގޮތުން، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން ތިންބައިކުޅަ އެއް ބައި ލިބެން ޖެހޭނީ 1971ގައި ގައުމުގެ މިނިވަން ކަމަށް ހަނގުރާމަކުރި މީހުންގެ ދަރިންނަށެވެ.

އެ ނިޒާމަށް އަމަލުކުރުން ހުއްޓާލާފައި އޮތުމަށް ފަހު، މިމަހުގެ އެކެއްގައި ހައި ކޯޓުން ވަނީ އެ ނިޒާމަށް އަލުން އަމަލުކުރަން އަންގައިފައެވެ. އެއާއެކު، ދަރިވަރުން ވަނީ، ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކަށް އެ ނިޒާމުން ނަހަމަ ފައިދާތަކެއް ލިބޭ ކަމަށް ބުނެ ނުރުހުން ފާޅުކުރަން ފަށައިފައެވެ.

އެ މުޒާހަރާތަކުގެ ބައިވެރިން ގޮވާލަމުން އަންނަނީ ވަޒީފާތައް އެފަދައިން ވަކި ބަޔަކަށް ޚާއްސަ ކުރުމުގެ ބަދަލުގައި ގާބިލު ކަމަށް ބަލައި ވަޒީފާތައް ދިނުމަށެވެ.

އޭގެ ތެރެއިން ބައެއް މުޒާހަރާތަކުގައި ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި، އިއްޔެ އެކަނި ވެސް މުޒާހަރާތަކުން 19 މީހުން މަރުވެފައިވެއެވެ.

comment ކޮމެންޓް