ބަންގްލަދޭޝްގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ހިންގާ ހަމަނުޖެހުންތައް ކޮންޓްރޯލު ނުވުމުގެ ސަބަބުން އެ ގައުމުގައި ކާފިއު އިއުލާނު ކުރަން ނިންމައިފިއެވެ.
އަދި އާންމުން ކޮންޓްރޯލު ކުރުމަށް އަސްކަރީ ބާރުގެ ބޭނުން ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
ބަންގްލްދޭޝްގައި މުޒާހަރާކުރަމުން ދަނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ. މުޒާހަރާތަކާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 105 އަށް އަރައިފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ގިނައީ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނެވެ.
ކާފިއު އިއުލާނުކުރަން ނިންމައިފައިވާކަން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޙް ޙަސީނާގެ ޕްރެސް ސެކްރެޓަރީ ނައީމުލް އިސްލާމް ހާން ވަނީ އޭއެފްޕީއަށް ކަށަވަރުކޮށްދެއްވައިފައެވެ. އެކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރު އަނިޔާވެރިކަން ހުއްޓުވުމަށް ވެރިރަށް ދާކާގެ ފުލުހުން މީގެ ކުރިންވަނީ އާންމުން އެއްވެ އުޅުންވެސް މަނާކޮށްފައެވެ. ނަމަވެސް މުޒާހަރާތަކަށް ނިމުމެއް ގެނެވިފައެއްނުވެއެވެ. މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ އިންޓަނެޓް ޚިދުމަތްވެސް ވަނީ ކަނޑައިލައިފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ މެދުތެރޭގެ ޑިސްޓްރިކްޓެއް ކަމަށްވާ ނަރްސިންގްދީގައި ޖަލަކަށް ވަދެ އެތައް ސަތޭކަ ގައިދީއަކު މިނިވަންކޮށް، އެ ޖަލުގައި ރޯކޮށްލައިފައެވެ.
ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 47 ޑިސްޓްރިކްޓަކަށް މުޒާހަރާތައް ފެތުރިފައިވާއިރު, މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޒަޚަމުވި މީހުންގެ އަދަދު 1,500އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި އިއްޔެ އެކަނިވެސް 52 މީހުން ވަނީ މަރުވެފައެވެ.
ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައިވަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ އާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްސަ ކުރުމަށް އެ ގައުމުގެ ހައިކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް، މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.