މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގައި ހައި ސެކިއުރިޓީ އެލާޓް ނެރެފި

ބަންގްލަދޭޝްގައި ކުރަމުންދާ މުޒަހާރާގައި އިމާރާތެއް ކައިރީ އަލިފާން ރޯކޮށްފައި -- ފޮޓޯ/ބީބީސީ

ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަންކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝުން ހައި ސެކިއުރިޓީ އެލާޓް ނެރެފިއެވެ.

މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރަމުންދާތީ، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން މޮބައިލް އިންޓަނެޓާއި ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފައެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ވެސް އެތައް ހާސް މީހުންނެއް ވަނީ ދައުލަތުގެ ބްރޯޑްކާސްޓާ ބީޓީވީއަށް ވަދެ ފަރުނީޗަރާއި، ކުޑަދޮރުތަކާއި ލައިޓްތައް ތަޅާލައި އޭގެ ބައެއް ތަންތަނުގައި އަލިފާން ރޯކޮށްފައެވެ. އެ ޓީވީ ޗެނަލް މިހާރު ވަނީ ބަންދުކޮށްފައެވެ.

އެ މުޒާހަރާތަކަކީ ޖެނުއަރީ މަހު ބޭއްވި ބަންގްލަދޭޝްގެ އާންމު އިންތިޚާބު ކާމިޔާބުކުރައްވައި ޝައިޚް ޙަސީނާ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް ބާއްވާ އެ ފަދަ ފުރަތަމަ މުޒާހަރާއެވެ.

ހަސީނާ ވަނީ ބުދަ ދުވަހުގެ ރޭ ބީޓީވީގައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި، މިހާރު ވެސް އެތައް ބަޔަކު މަރުވެފައިވާ މުޒާހަރާތައް ސުލްހަވެރިކަމާ އެކު ގެންދިއުމަށް ހަސީނާ އެދިވަޑައިގެންފައެވެ.

މުޒާހަރާގެ ބައިވެރިން ކަންބޮޑުވުން ފާޅު ކުރަމުންދާ އެންމެ ބޮޑު މައްސަލައަކީ، އެ ގައުމުގެ ޒުވާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް މަދުވުމެވެ. ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

މިހާތަނަށް 19 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ މުޒާހަރާތައް ހުއްޓުވުމަށް ބަންގްލަދޭޝްގެ ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް, ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުންކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވެސް ދަނީ ލަކުޑިބުރި ފަދަ ހަތިޔާރު ބޭނުންކޮށްގެން ފުލުހުންނާ ކުރިމަތިލަމުންނެވެ. ވެރިކަން ކުރާ އަވާމީ ލީގު ޕާޓީގެ އާންމު މެންބަރުން ވެސް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ނުކުމެ، ހަމަނުޖެހުން ހިންގަން ފަށައިފައެވެ.

މުޒާހަރާތައް ހުއްޓުވުމަށް އިންޓަނެޓްގެ ޚިދުމަތް އިއްޔެ ކަނޑައިލާފައިވާއިރު، އެ ދުވަހަކީ ހާލަތު އެންމެ ގޯސްވި ދުވަސް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭއެފްޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި މިހާތަނަށް 32 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، މަރުވި މީހުންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއްނުވެއެވެ. މޮބައިލް އިންޓަނެޓް ކަނޑައިލުމުގެ އިތުރުން އެ ގައުމުގައި ހިންގާ ހައި ސްކޫލްތަކާއި އިސްލާމިކް ސެމިނަރީއަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަކި އެއްޗެއް އަންގަންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ކޯޓާ ނިޒާމާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައިވަނީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ އާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްސަ ކުރުމަށް އެ ގައުމުގެ ހައިކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް، މުޒާހަރާތަކަށް ނިމުމެއް ގެނެސްފައެއް ނުވެއެވެ.

comment ކޮމެންޓް