ސަރުކާރުން ތަންފީޒުކުރަން އުޅޭ ފްރީ ޓްރޭޑް އެއްބަސްވުމުން ފައިދާއެއް ނުކުރާނެ: ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ސަރުކާރުން ތަންފީޒުކުރަން އުޅޭ ފްރީ ޓްރޭޑް އެއްބަސްވުމުން ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު މާވީ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރަން ތައްޔާރުވެފައިވާ ކަމަށް ފްރީ ޓްރޭޑް އެގްރިމެންޓްއިން ރާއްޖެއަށް މާ ބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ މަސް ގަންނަ އަގު 25އަށް ބޮޑު ކުރާނެ ކަމަށް އެ މަނިކުފާނު ރިޔާސީ ކެމްޕެއިން ތެރޭގައި ވިދާޅުވިއިރު، އެ ބަދަލާއެކު ޑިސެމްބަރު މަހާއި ޖެނުއަރީ މަހު އެ އަގުގައި ފައިސާ ދޫކުރަން ޖެހޭނީ ގެއްލުމުގައިކަން ރައްޔިތުންނަށް ސާފުކޮށްދެއްވި ކަމަށެވެ.

އެ ބަދަލު ގެންނަން ނިންމީ، ޔޫރަޕާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައި އޮތުމުން ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިއަދުގެ ސަރުކާރުން އެކަންތައްތަކެއް ކުރިއަކަށް ނުގެންދަވާ. ވާހަކަ ދައްކާނެ ބޭރުގެ ގައުމެއް ނެތް. ފަހަރުގައި ގައުމެއް ދެ ގައުމެއް ނެތެކޭ ނޫން. އޮވެދާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފައިދާއެއް ވާކަހަލަ މަސައްކަތެެއް ޚާއްޞަކޮށް މަސްވެރިންނަށް ފައިދާއެއް ވާކަހަލަ އެއްބަސްވުމެއް ހަދާތަނެއް އަދި އަޅުގަނޑަކަށް ހަމަގައިމުވެސް ނުފެނޭ،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގައުމަކާ އެކީގައި ފްރީ ޓްރޭޑް އެގްރިމެންޓެއް ތަންފީޒުކުރަން ތައްޔާރަށް އޮތް ވާހަކަ ބުނެފައިވާ ކަމަށާއި ނަމަވެސް އޭގެއިން ދިވެހިރާއްޖެއަށް ކުރާނެ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ.

ޞާލިޙް އިޝާރާތް ކުރެއްވީ މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ ކަންތައްތައް ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން މި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާގެ ތެރެއިން: ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ ބަޔަކު ހިމެނިގެން އެކީގައި މަސައްކަތް ކުރުމަކީ ޕާޓީގެ އަމާޒެއް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު މާވީ

ޗައިނާގައި ބޭއްވި 'އިންވެސްޓް މޯލްޑިވްސް' ފޯރަމްގައި ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ގުޅުން ރަނގަޅު ކުރުން ކަމަށެވެ. އޭގެ ތެރެއިން ޗައިނާއަށް ބޭރުކުރާ މަހުގެ މިންވަރު އިތުރުކުރުމަކީ ރާއްޖެއަށް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޞާލިޙް ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން ވަނީ މަސްވެރިންނަށް ދޮގު ހަދައި، ބައިނަލްއަގުވާމީ ގޮތުން ރާއްޖެ ބާކީކޮށްފައެވެ.

އެމްޑީޕީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ޕާޓީއަށް މިފަހުން ކުރެވުނު ތަޖުރިބާގެ އަލީގައި، ޕާޓީ ތަރުތީބުކޮށްގެން އަނެއްކާވެސް އެ ޕާޓީ ނުކުންނަނީ ކަމަށެވެ. އަދި ޕާޓީގެ އަމާޒަކަށްވެފައި އޮތީ ޕާޓީގެ ލީޑާޝިޕްގައި ގިނަ ބަޔަކު ހިމެނިގެން އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަނެއްކާވެސް ހޯދައިދިނުން ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ އަދިވެސް ގިނަ ބަޔަކު ޕާޓީގެ އިސް މަގާމުތަކުގައި ހަރަކާތްތެރިވެ ކުރިއަށްދިޔުމަށް މަސައްކަތް ކުރުން. ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން އަޅުގަނޑު މިރޭވެސް ބޭނުންވަނީ އަޅުގަނޑު މި ޕާޓީގައި ހުންނާނަން. ލީޑާޝިޕްގައި އަޅުގަނޑު ހުންނާނަން އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި، އުނދަގޫ ހާލަތެއް ނުކުމެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޞާލިޙް ދެއްވިއެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޞާލިޙްގެ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމުން މިފްކޯގެ ޚަރަދުތައް ދެކޮޅު ނުޖެހޭ ކަމަށް ބުނެ މި ސަރުކާރުން ވަނީ މަހުގެ އަގު 20 ރުފިޔާއަށް ކުޑަކުރަން ނިންމައިފައެވެ.

comment ކޮމެންޓް