މަޖިލީސް އިންތިޚާބުގައި 5،000 މޮނިޓަރުން

މީގެ ކުރިން އިންތިޚާބެއްގައި ވޯޓުލާ މަރުކަޒުތަކުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ -- ފޮޓޯ/ އިންފިނިޓް މޯމެންޓްސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މުޅި ޖުމްލަ 9,900 އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނަ ދުވަހު ޖުމްލަ 9900 ދިވެހިން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށެެވެ.

އެގޮތުން އޮބްޒާވަރުންގެ ގޮތުގައި 2،952 މީހުންނާއި، މޮނިޓަރުންގެ ގޮތުގައި 5،018 މީހުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މަންދޫބުންގެ ގޮތުގައި 1،930 މީހުން ހަރަކާތްތެރިވާނެއެވެ.

ހަބީބް ވިދާޅުވީ އިންތިޚާބުގައި ވޯޓުލުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގަނީ، މިނިވަންކަމާއި، އިންސާފުވެރިކަމާއި، ހަމަހަމަކަމާ އެކު ދެފުށް ފެންނަ ގޮތަށްތޯ ކަށަވަރުކުރުމުގައި އޮބްޒާވަރުންނާއި، މޮނިޓަރުންގެ އިތުރުން ކެނޑިޑޭޓުންގެ މަންދޫބުން ވެސް ކުރައްވާނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މަޖިލީސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާޗު 17ގައެވެ. އެކަމަކު، އެ ދުވަސް ރޯދަ މަހާ ދިމައިވާތީ ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ގެނެސްފައެވެ.

އެކަމަކު، އެ ބިލު ދަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް މިއަދު ވަނީ ފޮނުވާލައިފައެވެ.

ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވައިލުމުން، އެ ބިލު އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ފާސްކުރުމުން ތަސްދީގުވާނެއެވެ.

އެމްޑީޕީން މީގެ ކުރިން ބުނެފައިވަނީ އެ ބިލު އަލުން ފާސްކުރާނެ ކަމަށެވެ.

comment ކޮމެންޓް