ހުޅުމާލޭގައި އެކްސިޑެންޓެއް: ތިން އުޅަނދަކަށް ގެއްލުން

އެކްސިޑެންޓު ވި ކާރަށް ގެއްލުންވެފައި --- ފޮޓޯ/އެމްވީ ކްރައިސިސް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިއަދު ހެނދުނު ދެ ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:20 ހާއިރެވެ.

މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ޓެކްސީއެއްގެ ފަހަތުންނާއި ކުރިމަތިން ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އެކްސިޑެންޓު ވި ކާރަށް ގެއްލުންވެފައި --- ފޮޓޯ/އެމްވީ ކްރައިސިސް

އަދި، ޓެކްސީ ބޯޑު ޖަހާފައި އޮތް އަޅި ކުލައިގެ ވޭނެއްގެ ކުރިމަތި ބަނޑިވެފައިވާ ތަން ވެސް ފޮޓޯތަކުން ފެނެއެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ނިރޮޅު މަގުން ދުއްވާފައައި ކާރެއްގައި ވޭނެއް ޖެހި، އެ ކާރު ގޮސް ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށާއި ވޭން ދުއްވަންއިން މީހާއަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެއީ، 46 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓު ވި ކާރަށް ގެއްލުންވެފައި --- ފޮޓޯ/އެމްވީ ކްރައިސިސް

އެކްސިޑެންޓުވި ކާރާއި ވޭން ދުއްވަން އިން މީހާގެ ވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ތިން އުޅަނދަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ހަފުތާ ތެރޭގައި ހުޅުމާލޭ މިދިލި މަގުގައި ހަރުކޮށްފަައިހުރި ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި ވެސް އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ފުލުހުން މީގެ ކުރިން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގަނީ ހަވީރު އޮފީސްތައް ނިމޭ ވަގުތުގައެވެ.

comment ކޮމެންޓް