ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދެއް މި ސަރުކާރަށް ސާފުކޮށް ވިދާޅުނުވެވިގެން އުޅުއްވަނީ އެއްވެސް ބޭރު ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ގާއިމުވެ ނެތީމާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އޭނާއަކީ މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރެވެ. އޭރު އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔަމުން އައީ އިންޑިއާއާ އެކު އެމްޑީޕީ ސަރުކާރުން ބާއްވަމުންދިޔަ ގުޅުމަށެވެ. ހާއްސަކޮށް، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ، އޭރުގެ އިދިކޮޅުން "އިންޑިއާ އައުޓް"ގެ ނަމުގައި މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭނެއް ވެސް ކުރިއެވެ.
އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އަންނަން ހެދީ ހުސް ދޮގު ކަމަށެވެ.
"ވެރިކަމަށް އައުމަށްޓަކައި ކުރަމުން ގެންދިޔަ ކެމްޕޭންގައި އެ ބޭފުޅުން ބޭނުންފުޅުކުރައްވަމުން ގެންދިޔަ އެންމެ ބޮޑު އެއް ޝިއާރަކީ އިންޑިއާ އައުޓް. އެ ކަމަށް މަގުފަހި ކުރުމުގެ ގޮތުން ތަކުރާރުކޮށް، ދޮގު، ފިތުނަ އަދި ރުޅިވެރިކަން މުޖުތަމައު ތެރޭގައި އުފައްދަވަމުން ގެންދެވީ," އޭނާ ވިދާޅުވިއެވެ.
އޭރު އިދިކޮޅުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އެތައް ހާސް ހަތިޔާރު އެޅި ސިފައިންނެއް ތިބި ކަމަށް ތުހުމަތުކޮށްފައެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބި ކަމަށް ވިދާޅުވެ، އަދި މިނިވަންކަން ގެއްލޭ ފަދަ އެއްބަސްވުންތަކެއް އިންޑިއާއާ އެކު ހަދާފައިވާ ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް އެއީ ދޮގުކަން މިހާރު ހާމަވަމުންދާ ކަމަށެވެ.
"މިއަދު ވެރިކަމުގައި އެ ތިއްބެވީ އެ ބޭފުޅުން. އެ ބޭފުޅުންނަށް މިއަދު ފުރުސަތު އެބައޮތް އެގްރީމެންޓުތައް ބައްލަވަން، ދިރާސާކުރައްވަން. އަދި، އޭރު ވިދާޅުވަމުން ގެންދެވި އެ އެގްރިމެންޓޫތައް ރައްޔިތުންނަށް ނެރެ ދައްކާށޭ. މިއަދު އެކަން ކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް އެބައޮތް،" ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭރު އެމްޑީޕީން ވެސް ބުނަމުންދިޔަ ފަދައިން އެ އެއްބަސްވުންތައް ހާމަނުކުރެވެނީ ޑިޕްލޮމެޓިކް އުސޫލުތަކަށް އިހުތިރާމުކުރުމުގެ ގޮތުންކަން މި ސަރުކާރުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ.
"އެ ވިދާޅުވި ފަދަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބޭ ކަންތައްތަކެއް ހުރިނަމަ އެ ހާމަ ކުރެއްވީސް ނޫންތޯ؟ އެ ވިދާޅުވި ފަދަ އެތައް ހާސް ހަތިޔާރު އެޅި ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ވާނަމަ އެ މީހުން މިހާރު ފޮނުވައިލައްވައިފިސް ނޫންތޯ؟ އެ އަދަދުތައް ސާފުކޮށް ވިދާޅުވެއްޖައިސް ނޫންތޯ؟ ވިދާޅެއް ނުވެވޭ. އެއީ، އެފަދަ ހަތިޔާރު އެޅި އިންޑިއާ ސިފައިންނެއް ރާއްޖެއަކު ނެތް،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވަނީ މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވައިލާ ކަމަށް ވިދާޅުވެ، ކުރައްވަނީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ތުހުމަތުކުރައްވައިފައެވެ.
ޝާހިދު ވިދާޅުވީ، އިންސާނީ އެހީތެރިކަމަށް ބޭނުންކުރަމުންދިޔަ ދެ ހެލްކޮޕްޓަރާއި ޑޮނިއާ ދުއްވަން ތިބި އިންޑިއާގެ ޓެކްނިކަލް މީހުންގެ ހެދުން ބަދަލުކޮށްފައި، އެއީ އިންޑިއާ ސިފައިން ފޮނުވައިލުން ކަމަށް ބުނެ އޮޅުވައިނުލެވޭނެ ކަމަށެވެ. އަދި، އެފަދަ ދެކޮޅު ނުޖެހޭ ކަންކަމުގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާކުރުމުގެ ސަބަބުން ރާއްޖެއާ މެދު ބޭރު ގައުމުތަކުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
"ދެކޮޅު ނުޖެހޭ ކަންތައްތަކުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ބައްޓަން ކުރަންވީމާ އިތުބާރު ގެއްލިގެން ދާނީ،" އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި އިންޑިއާއާއި ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން އެކަންޏެއް ނޫން. އެހެން ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން ވެސް. އެ ބޭފުޅުން ރާއްޖެއާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ،"
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ސީދާ އަދަދެއް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެ އަދަދު ހޯދަން ސަރުކާރުގައި އެދުމުން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެ އަދަދުތަކާއި ތަފުސީލުތައް މިހާރު ހުރީ ސިއްރު ކުރެވިފައި ކަމަށާއި އެ މައުލޫމާތު ހާމަކުރެވެން އޮތް އެންމެ އަވަހަކަށް ހާމަކުރާނެ ކަމަށެވެ.