އިންޑިއާއިން ފިޔާ ލިބުމުގައި ދައްޗެއް ނެތް: އެސްޓީއޯ

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް. -- ސަން ފޮޓޯ / މުޙައްމަދު ނާއިލް ޙަފީޒް

އިންޑިއާއިން ފިޔާ ލިބުމުގައި ދައްޗެއް ނެތްކަމަށް ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެތި އިމްޕޯޓް ކުރާ، އެސްޓީއޯއިން މިއަދު ބުނެފިއެވެ.

އިންޑިއާއިން އަންނަ މަހުގެ ނިޔަލަށް އެކްސްޕޯޓުކުރުން މަނާކޮށްފައިވާ ފިޔާ އެކްސްޕޯޓުކުރަން އެ ގައުމުގެ ސަރުކާރުން ހާއްސަ ހުއްދައެއް ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެއެއް ނެތެވެ.

https://sun.mv/188939

ނަމަވެސް އެސްޓީއޯގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިންޑިއާއިން ފިޔާ ލިބުމުގައި ދައްޗެއް ނެތް ކަމަށާއި ކުރިން ވެސް ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ފިޔާ އިންޑިއާއިން އެސްޓީއޯއަށް ވިއްކަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ މާކެޓަށް ބޭނުންވާ ވަރަށް ސަޕްލައި ކުރަމުން އަޅުގަނޑުމެން މި އަންނަނީ. ދައްޗެއް ނޫޅޭ" އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ފިޔަވާ އިމްޕޯޓުކުރުމުގައި ދިވެހީން ޒަމާނުއްސުރެ ބަރޯސާވެފައިވަނީ އިންޑިއާއަށެވެ. އެ ގައުމަކީ ދުނިޔޭގައި ވެސް އެންމެ ގިނައިން ފިޔާ ހައްދާ ގައުމެވެ.

މިދިޔަ ޑިސެމްބަރުގައި އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓައިލުމާ ގުޅިގެން ދިވެހި ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖޭގައި ގާއިމުވި ތިބި އިންޑިއާ ސިފައިން މާޗު 15ގެ ކުރިން އަނބުރާ އެ ގައުމަށް ފޮނުވައިލަން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާއިރު، ރައީސް ގެންދަވަނީ ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން، ކާޑުގެ ބާވަތްތަކާއި ބޭސް ގެންނަން ވެސް ތުރުކީވިލާތާ އެކު މިހާރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެ މަނިކުފާނު މިދިޔަ މަހު ވިދާޅުވިއެވެ.

ޒަރޫރީ ކާބޯތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާނުވެ، ގިނަ ގައުމުތަކާ އެކު މަސައްކަތްކުރައްވާނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

comment ކޮމެންޓް