ރަތަން ޓާޓާގެ ވަސިއްޔަތުގައި އޮތީ މުވައްޒަފުންނާއި ނިކަމެތިންނަށް މުދާ ބެހުމަށް

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ރަތަން ޓާޓާ--ފޮޓޯ/ޓާޓާ

މިދިޔަ އަހަރު ނިޔާވި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، ބިލިއަނަރު ރަތަން ޓާޓާގެ މުދަލުގެ ތެރެއިން 350،000 އެމެރިކާ ޑޮލަރުގެ ފައިސާ ރަތަން ޓާޓާގެ މުވައްޒަފުންނަށް ދިނުމަށް ވަސިއްޔަތްކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އޭގެތެރޭގައި ރަތަން ދިރިއުޅުއްވި ގޭގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފުންނާއި ރަތަންގެ ޓާޓާ ގްރޫޕްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން ރަތަން ނިޔާވިއިރު ކުރި ވަސިއްޔަތުގައިވާ ގޮތުން 15 ލައްކަ ރުޕީސް (ސަތާރަ ހާސް ޑޮލަރު) ދިނުމަށް ނިންމެވީ ހަތް އަހަރަށްވުރެ ގިނަ ދުވަހު ގޭގައި މަސައްކަތް ކުރި މަސައްކަތްތެރިންނަށެވެ.

މި މަސައްކަތްތެރިންނަށް ހައްގުވާ ފައިސާ ބެހުމަށް ހަމަޖެހިފައި ވަނީ އެ މަސައްކަތްތެރިން ރަތަންގެ ގޭގައި ޚިދުމަތްކުރި އަހަރުތަކަށް ބަހާލުމަށްފަހުއެވެ.

ރަތަން ޓާޓާ ޒުވާން ދުވަސްވަރު އަދި ފަހުގެ ފޮޓޯއެއް--ފޮޓޯ/ނިއުސްޓްރެކް

މީގެއިތުރުން ރަތަންގެ ގޭގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފުންނަށް އެއްލައްކަ ސޯޅަހާސް އެމެރިކާ ޑޮލަރު އަދި ރަތަންގެ ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފަށް އެގާރަލައްކަ އެމެރިކާ ޑޮލަރު ދިނުމަށް ރަތަންގެ ވަސިއްޔަތުގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު ރަތަން ވަސިއްޔަތް ކުރައްވާފައި ވަނީ ގޭގައި ޕާޓް-ޓައިމް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރަތަންގެ ކާރު ސާފު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެއްހާސް ޑޮލަރު ދިނުމަށެވެ.

ރަތަންގެ މިލްކިއްޔާތުގައި ހުރި ހަތަރު ސަތޭކަ ފަންސާސް ހަ މިލިއަން ޑޮލަރުގެ ބޮޑު ބައެއް ރަތަން ޓާޓާ އެންޑޯމަންޓް ފައުންޑޭޝަނާއި ރަތަން ޓާޓާ އެންޑޯމަންޓް ޓްރަސްޓަށް ދިނުމަށް ވަނީ ވަސިއްޔަތްކުރައްވާފައެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން ރަތަން ވަނީ ވަރަށް ގިނަ މުވައްޒަފުންނަށް ދޫކޮށްފައިވާ ލޯނުތައް ވެސް މައާފުކޮށްދެއްވާފައެވެ. އޭގެތެރޭގައި ގޭގައި ގެންގުޅުނު ޒަމާންވީ ކައްކާ، ޓާޓާ ގްރޫޕްގައި އެގްޒެކެޓިވް އެސިސްޓެންޓްގެ ގޮތުގައި މަސައްކަތްކުރާ ޝާންތަނޫ ނައިޑޫ އަދި ރަތަންގެ ޑްރައިވަރަށް އެކި ބޭނުންތަކަށް ދޫކުރެއްވި ލޯނުތައް ހިމެނެއެވެ.

ރަތަން ޓާޓާގެ އެސިސްޓެންޓެއްގެ ގޮތުގައި ޢުމުރުން 21 އަހަރުނެ ފެށިގެން މަސައްކަތް ކުރި ޝާންތަނޫ ނައިޑޫ, ރަތަން ޓާޓާއާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް

ހަމައެއާއެކު ރަތަން ތުރުކުރެއްވި ބްރޭންޑެޑް އަންނައުނުތައް ކަމަށްވާ ބްރޫކްސް ބްރަދާ ގަމީސް، ހާމީސް ޓައި، ޕޯލޯ ފަދަ ބްރޭންޑުތަކުގެ ފޭރާންތައް އެންޖީއޯތަކަށް ހަދިޔާކޮށް ނިކަމެތިންނަށް ބަހާލުމަށް ރަތަންގެ ވަސިއްޔަތުގައި ވަނީ ވަސިއްޔަތްކުރައްވާފައެވެ.

ރަތަން ޓާޓާ އަކީ ޖަނަވާރުތަކަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ފަރާތެއްކަމުން ގޭގައި ގެންގުޅުނު ޓީޓޯ ނަމަކަށް ކިޔާ ކުއްތާގެ ނަންވެސް ރަތަންގެ ވަސިއްޔަތުން އުނިކުރައްވާފައެއް ނުވެއެވެ. ރަތަން ޕެޓެއްގެ ގޮތުގައި ގެންގުޅުއްވި ޖަރުމަނު ޝެފާޑް ޓީޓޯއަށް ވަނީ ސާދަ ހާސް ޑޮލަރު ދޫކުރައްވާފައެވެ. ރަތަންގެ ޕެޓް ޓީޓޯ ބެލެހެއްޓުމުގެ ޒިންމާ އެ ގޭގެ ދުވަސްވީ ކައްކާ ރަޖަން ޝޯއާ ހަވާލުކުރެއްވިއިރު ޓީޓޯއަށް ދޫކުރެއްވި ފައިސާ ހަވާލުކުރެވޭނީ ކޮންމެ ތިން މަހުން އެއް މަހު ބަހާލައިގެންނެވެ.

ރަތަން ޓާޓާއަކީ ޓާޓާ ގްރޫޕްގެ ބާނީ ޖަމްސެޓްޖީ ޓާޓާގެ މުނިކާފަ ދަރިކަލެކެވެ. ރަތަން ޓާޓާ އާއިލާގެ ބޮޑު ވިޔަފާރިއާ ހަވާލުވީ 1991ވަނަ އަހަރުއެވެ.

އިންޑިއާގެ ސިނާޢީ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ރަތަން ޓާޓާ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ޝަހުސިއްޔަތެކެވެ.

ރަތަން ޓާޓާ ނިޔާވީ މުމްބާއީގެ ބްރިޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ރަތަން ނިޔާވީ ޢުމުރުފުޅުން 86 އަހަރުގައެވެ.

comment ކޮމެންޓް