އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރަން ހުއްދަ ދިން ލިސްޓުގައި ރާއްޖެއެއް ނެތް

އިންޑިއާގެ ފިޔާ ގުދަނެއްގައި މަސައްކަތްތެރިއަކު މަސައްކަތްކުރަނީ --

އިންޑިއާއިން އަންނަ މަހުގެ ނިޔަލަށް އެކްސްޕޯޓުކުރުން މަނާކޮށްފައިވާ ފިޔާ އެކްސްޕޯޓުކުރަން އެ ގައުމުގެ ސަރުކާރުން ހާއްސަ ހުއްދައެއް ދިން ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފިއެވެ.

އިންޑިއާއިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ އަންނަ މަސް ނިމުމާ ހަމައަށް ފިޔާ އެކްސްޕޯޓުކުރުން މަނާކޮށްފައެވެ.

ބޭރު ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން މަނާކުރި ނަމަވެސް، އަވަށްޓެރި އެކުވެރި ދައުލަތްތަކަށް ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ހުއްދައެއް އިންޑިއާ ސަރުކާރުން ދެއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ލިސްޓަކު ރާއްޖޭގެ ނަމެއް ނެތެވެ.

އިންޑިއާ ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ހުއްދައެއް ދީފައިވަނީ:

  • ބަންގްލަދޭޝް
  • ބޫޓާން
  • ސްރީލަންކާ
  • މޮރިޝަސް

އެކަމަކު، އިންޑިއާގެ ސަރުކާރުގައި އެދުމުން އިތުރު ގައުމުތަކަށް ވެސް ހުއްދަ ދޭ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖެއަށް ބޭނުންވާ ފިޔަވާ އިމްޕޯޓުކުރުމުގައި ދިވެހީން ޒަމާނުއްސުރެ ބަރޯސާވެފައިވަނީ އިންޑިއާއަށެވެ.

މިދިޔަ ޑިސެމްބަރުގައި އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ހުއްޓައިލުމާ ގުޅިގެން ދިވެހި ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖޭގައި ގާއިމުވި ތިބި އިންޑިއާ ސިފައިން މާޗު 15ގެ ކުރިން އަނބުރާ އެ ގައުމަށް ފޮނުވައިލަން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވައިފައެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާއިރު، ރައީސް ގެންދަވަނީ ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން، ކާޑުގެ ބާވަތްތަކާއި ބޭސް ގެންނަން ވެސް ތުރުކީވިލާތާ އެކު މިހާރު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެ މަނިކުފާނު މިދިޔަ މަހު ވިދާޅުވިއެވެ.

ޒަރޫރީ ކާބޯތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާނުވެ، ގިނަ ގައުމުތަކާ އެކު މަސައްކަތްކުރައްވާނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

comment ކޮމެންޓް