އިންޑިއާގެ މުސްލިމު ވަޤްފުތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ވަޤްފް ބިލަށް އިސްލާހު ގެނައުމާ ދެކޮޅަށް އިސްލާމީ އެކި ޖަމާއަތްތަކުގެ މެމްބަރުން މިދިޔަ ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ/އޭއެފްޕީ

އިންޑިއާގެ މުސްލިމު ވަޤްފުތަކާބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން ފާސްކޮށްފިއެވެ.

ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރުން ހުށަހެޅި އެ ބިލަށް އިސްލާހު ގެނައީ އިންޑިއާ ސަރުކާރަށް އެ ވަގުފުތައް ބެހުމުގެ ބާރާއި އެމީހުންގެ ބެލުމުގެ ދަށުގައިހުރި ބިންތައް ސައްޚަކުރުމުގެ ބާރު ވެސް ލިބިދޭ ގޮތަށެވެ.

ވަޤްފަކީ ޞަދަޤާތުގެ ބޭނުމުގައި މުސްލިމުން އެމީހުންގެ އަމިއްލަ މުދަލުން ދާއިމީ ގޮތެއްގައި ހަދިޔާކުރާ އެއްޗެކެވެ.

މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ބުނާ ގޮތުގައި 1995 ވަނަ އަހަރު ފާސްކުރި ވަޤްފް ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކުގެ ސަބަބުން ކޮރަޕްޝަނާއި ގޯސް ހިންގުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން ތަފާތު ކަންކަން ކުރިއެރުވުމަށް އެހީތެރިވެދޭނެއެވެ.

ނަމަވެސް އެ ފިޔަވަޅާއެކު ވަޤްފުގެ މުދާތައް ކަމަށްވާ ތާރީޚީ މިސްކިތްތަކާއި ފިހާރަތަކާއި ޒިޔާރަތްތަކާއި ގަބުރުސްތާނާއި އެތައް ހާސް އަކަމީޓަރުގެ ބިންތައް ބީވެ ގޮސް، އެ ތަންތަނުގެ ބާރު ސަރުކާރަށް ލިބޭނެތީ މުސްލިމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަގުފު ބިލަށް ގެނައި އެންމެ ބޮޑަށް ޚިޔާލުތަފާތުވާ އެއް ބަދަލަކީ އެތަންތަނުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ގެނައި ބަދަލެވެ.

މީގެ ދިހަވަރަކަށް އަހަރު ކުރިން ގާނޫނީ ރެކޯޑްތަކާ ނުލައި ހަދިޔާކޮށްފައިވާ މިފަދަ ގިނަ ތަންތަނުގައި ރަސްމީ ލިޔެކިޔުންތައް ނެތުމުން އެތައް ސަތޭކަ މިސްކިތްތަކާއި ޒިޔާރަތްތަކާއި ގަބުރުސްތާނުތަކަށް އެކަމު އަސަރު ކުރާނެއެވެ.

އިންޑިއާގައި ވަގުފް ބިންތަކުގެ ބޮޑުމިން ގާތްގަނޑަކަށް އެއް މިލިއަން އަކަމީޓަރަށް އަރައެވެ. އެ ތަންތަން ބަލަހައްޓަނީ އެގައުމުގެ ސްޓޭޓްތަކާއި ފެޑެރަލްއިން ހިންގާ ޔޫނިއަން ޓެރިޓަރީތަކުގައި ސަރުކާރުން ގާއިމްކޮށްފައިވާ 32 ވަގުފު ބޯޑުންނެވެ.

އިންޑިއާގެ ގިނަ މުސްލިމުން ބިރުގަންނަނީ ސަރުކާރަށް މުސްލިމުންގެ މުދަލުގެ މައްޗަށް މާ ބޮޑު ކޮންޓްރޯލެއް ލިބިގެންދާނެތީއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް މޯދީ ވަޑައިގެންފަހުން އެ ގައުމުގައި މުސްލިމުންނާ ދެކޮޅު އަމަލުތަކާއި ވާހަކަތައް އިތުރުވެފައި ވިޔަސް މިދިޔަ އަހަރަކީ އެފަދަ ކަންކަން ވަކިން ބޮޑަށް އިތުރުވި އަހަރެއް ކަމަށް އެމެރިކާގެ ތިންކް ޓޭންކެއްގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

އިންޑިއާގައި މުސްލިމުންގެ އާބާދީ 220 މިލިއަނަށް އަރާއިރު ހިންދޫ ވަތަނީ ފިކުރުގެ ސަބަބުން މުސްލިމުން އުޅެންޖެހިފައިވަނީ ކުރިމަގާ މެދު ބިރުވެރިކަމެއްގެ ތެރޭގައެވެ.

މުސްލިމުންނަކީ ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ގައުމުގެ އެންމެ ބޮޑު މައިނޯރިޓީ ގްރޫޕެވެ. އަދި އެއީ އެ ގައުމުގައި ދިރިއުޅޭ އެންމެ ފަގީރުން ކަމަށް 2013 ވަނަ އަހަރު ސަރުކާރުން ކުރި ސާވޭއަކުން ދައްކައެވެ.

comment ކޮމެންޓް